logo
Bank of Maldives

Bank of Maldives

ދުނިޔެ

ހޯރްމޫޒް ކަނޑުއޮޅީގައި މައިން ވަޅުލާ ކޮންމެ އުޅަނދަކަށް ހަމަލާދިނުމަށް އަންގައި ޓްރަމްޕްގެ އަމުރެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޭޕްރީލު 2026 - 01:29
ހޯރްމޫޒް ކަނޑުއޮޅީގައި މައިން ވަޅުލާ ކޮންމެ އުޅަނދަކަށް ހަމަލާދިނުމަށް  އަންގައި ޓްރަމްޕްގެ އަމުރެއް

ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ހަމަލާބަދަލުކުރުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައި، ހޯރްމޫޒް ކަނޑުއޮޅީގައި މައިން ވަޅުލަނިކޮށް ފެންނަ ކޮންމެ ކުޑަ އުޅަނދަކަށް "ހަމަލާދީ ނައްތާލުމަށް" އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމުރުކުރައްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

"ކަނޑުގެ ސަރަހައްދުގައި މައިން ވަޅުލާ ކޮންމެ އުޅަނދަކަށް... ހަމަލާދީ ނައްތާލުމަށް އަޅުގަނޑު ވާނީ އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމުރުކޮށްފައި،" ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' ގައި ލިޔުއްވާފައިވެއެވެ. އަދި މި އަމުރު ތަންފީޒުކުރުމުގައި "އެއްވެސް ފަސްޖެހުމެއް" އޮވެގެން ނުވާނެ ކަމަށްވެސް އޭނާ އިތުރުކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ ކަނޑުގެ ސިފައިންގެ މުޅި ފްލީޓް، ނުވަތަ 159 އުޅަނދު އޮތީ "ކަނޑުގެ އަޑީގައި" ކަމަށާއި، މައިން ވަޅުލާ ކޮންމެ އުޅަނދަކީ "ކުދި އުޅަނދުތަކެއް" ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލް ހަމަލާތައް ފެށުމާ ގުޅިގެން އީރާނުން ބަންދުކުރި ދަތުރުފަތުރުކުރާ މަގު ސާފުކުރުމަށްޓަކައި، މައިން ނައްތާލުމުގެ މަސައްކަތް ވަގުތުން ތިންގުނަ އިތުރުކުރުމަށްވެސް އޭނާ އަމުރުކުރެއްވިއެވެ.

މި އަމުރު ކުރަށްވާފައިވަނީ އީރާނާއެކު ވެފައިވާ ހަމަލާބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުންނެވެ. މަޝްވަރާތައް ހުއްޓިފައިވާތީ، ޓްރަމްޕް ވަނީ އަންގާރަ ދުވަހު މި އެއްބަސްވުމުގެ މުއްދަތު ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކުރައްވާފައެވެ.

ވޮޝިންގޓަން ޕޯސްޓްގެ ރިޕޯޓެއްގައިވާ ގޮތުން، ކަނޑުއޮޅި މައިންތަކުން އެއްކޮށް ސާފުކުރުމަށް ހަ މަސް ދުވަސް ނަގާފާނެ ކަމަށް ޕެންޓަގަނުން ވަނީ ކޮންގްރެސްއަށް އަންގާފައެވެ. އީރާނުން އެ ސަރަހައްދުގައި 20 ނުވަތަ އެއަށްވުރެ ގިނަ މައިން ވަޅުލާފައިވާ ކަމަށް ބެލެވޭ ކަމަށާއި، އޭގެ ތެރެއިން ބައެއް މައިންތަކަކީ ޖީ.ޕީ.އެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުރުން ކޮންޓްރޯލްކުރެވޭ އެއްޗެހި ކަމުން، އެތަކެތި ހޯދުން ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދީފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ހޯރްމޫޒް ކަނޑުއޮޅީގައިވާ މައިންތަކާ ބެހޭ ބަހުސަކީ އާ ކަމެއް ނޫނެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުން ވަނީ މައިންތައް ނަގާފައި ނުވަތަ ނަގަމުންނެވެ. އަދި އީރާނުގެ ގިނަ "މައިން އުކާ އުޅަނދުތައް" އެމެރިކާގެ ހަމަލާތަކުގައި ހަލާކުކޮށްލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އީރާނުން ވަނީ އެ ސަރަހައްދުގައި މައިން ވަޅުލާފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އެއީ އެމެރިކާގެ ޕްރޮޕަގަންޑާ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އެ ސަރަހައްދުން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގުތައް ދައްކައިދޭ ޗާޓުތަކެއް ނެރެފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ހޯރްމޫޒް ކަނޑުއޮޅީގެ 'ފުރިހަމަ ކޮންޓްރޯލް'

ޓްރަމްޕް ކުރެއްވި އެހެން ޕޯސްޓެއްގައި ދައުވާކުރެއްވި ގޮތުގައި، ތެހެރާނުގެ އެތެރޭގައި ހަރުކަށި ފިކުރުގެ މީހުންނާއި މެދުމިނުގެ ފިކުރުގެ މީހުންގެ މެދުގައި ވަނީ ވަރުގަދަ ހަމަނުޖެހުމެއް އުފެދިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ހަރުކަށި މީހުން ދަނީ "ހަނގުރާމައިގެ މައިދާނުގައި ވަރަށް ބޮޑަށް ބަލިވަމުންނެވެ." އަދި މެދުމިނުގެ މީހުންނަކީ "އެހާ މެދުމިނުގެ ބައެއް ނޫން" ނަމަވެސް، އެމީހުންނަށް ދަނީ "އިހުތިރާމް ލިބެމުންނެވެ."

"އީރާނަށް އެމީހުންގެ ލީޑަރަކީ ކާކުކަން ދެނެގަތުމަށް ވަރަށް ބޮޑަށް އުނދަގޫވަމުން އެބަދޭ،" އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ހޯރްމޫޒް ކަނޑުއޮޅީގެ "ފުރިހަމަ ކޮންޓްރޯލް" އޮތީ ވޮޝިންގޓަންގެ އަތްދަށުގައެވެ. އަދި އެމެރިކާގެ ކަނޑުގެ ސިފައިންގެ ހުއްދައާ ނުލައި އެއްވެސް އުޅަނދަކަށް އެ ސަރަހައްދުން ދަތުރެއް ނުކުރެވޭނެއެވެ. އީރާނަށް "އެއްބަސްވުމަކަށް އާދެވެންދެން" ކަނޑުއޮޅި އޮތީ "ބަންދުކޮށްފައި" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާއިން ކުރިއަށްގެންދާ ހަރަކާތުގެ ދަށުން، 31 އުޅަނދަކަށް އެނބުރި ދިއުމަށް ނުވަތަ ބަނދަރަށް ދިއުމަށް އަމުރުކޮށްފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުރާސްފަތި ދުވަހު ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯރްމޫޒް ކަނޑުއޮޅީގައި މައިން ވަޅުލާ ކޮންމެ އުޅަނދަކަށް ހަމަލާދިނުމަށް އަންގައި ޓްރަމްޕްގެ އަމުރެއްދުނިޔެ | 2 ގަޑިއިރު ކުރިންއިސްރާއީލަށް ޖާސޫސްކޮށްދިން އީރާނުގެ އެޓޮމިކް އެޖެންސީގެ ކުރީގެ މުވައްޒަފަކަށް މަރުގެ އަދަބު ދީފިދުނިޔެ | 2 ދުވަސް ކުރިންއީރާނަށް "އެއްބަސްވެވޭ ހުށަހެޅުމެއް" ތައްޔާރުކުރަންދެން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިދުނިޔެ | 2 ދުވަސް ކުރިންއީރާނުގެ މައްޗަށް އެމެރިކާ ބާރުގެ ބޭނުންކުރުމަށް ދުލެއްނުދޭނަން: އީރާނުގެ ރައީސްޚަބަރު | 3 ދުވަސް ކުރިން