ތެޔޮ ވަސީލަތްތަކަށް ހަމަލާދީފިނަމަ 'ލޮލަކަށް ބޮލެއް' ނަގާނެކަމުގެ އިންޒާރު އީރާނުން ޓްރަމްޕަށް ދީފި
27 އޭޕްރީލު 2026 - 05:45

އީރާނުގެ ތެޔޮ ވަސީލަތްތަކަށް އެމެރިކާއިން ހަމަލާއެއް ދީފިނަމަ، އޭގެ ބަދަލު ހިފާނީ "ލޮލަކަށް ބޮލެއް" ނަގައިގެން ކަމަށް ބުނެ އީރާނުގެ ނައިބު ރައީސް ރެޒާ އާރެފް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ނައިބު ރައީސް އާރެފް ވިދާޅުވީ، އީރާނުގެ ތެޔޮ ވަޅުތަކަށް ހަމަލާދީފިނަމަ، ހަމަލާދޭ ފަރާތްތަކުގެ ތެޔޮ ވަސީލަތްތަކަށް އީރާނުން އަމާޒުކުރާނެ ކަމަށެވެ.

Ad by Hajj Corporation
"އަޅުގަނޑުމެންގެ ގައުމުން ދޭނެ ރައްދު ވާނީ 'ލޮލަކަށް ލޮލެއް' ނެގުމަށްވުރެ މާ ވަރުގަދަ ރައްދަކަށް. 'ލޮލަކަށް ލޮލެއް' ސްޓްރެޓެޖީގެ ފުރަތަމަ މަރުހަލާ މިހާރު ވަނީ ބޭނުންކޮށްފައި. އެކަމަކު ދުޝްމަނުން އަލުން ގޯހެއް ހަދައިފިނަމަ، އަޅުގަނޑުމެންގެ ސްޓްރެޓެޖީއަކީ 'ލޮލަކަށް ބޮލެއް' ނެގުން،" އާރެފް ވިދާޅުވިއެވެ.
އީރާންގެ ނައިބު ރައީސް އާރެފް މި އިންޒާރު ދެއްވާފައިވަނީ ހޯމްރޫޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުދަ ދުވަހު ބަޑީގެ ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ދެ ކޮންޓޭނަރު އުޅަނދު ހިމެނޭއިރު، މިއީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، އީރާނުން ހިފެހެއްޓި އުޅަނދުތަކަކީ އެމެރިކާ ނުވަތަ އިސްރާއީލުގެ އުޅަނދުތަކަކަށް ނުވާތީ، މިއީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުން ނޫން ކަމަށެވެ.
ރައީސް ޓްރަމްޕް ވަނީ އީރާނާއެކު އޮތް ދެ ހަފުތާގެ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރިކަން އިއުލާނުކުރައްވާފައެވެ. ނަމަވެސް، އީރާނުގެ ބަނދަރުތައް އެމެރިކާއިން ބްލޮކޭޑް ކޮށްފައި އޮތް އޮތުން ދެމިއޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އީރާނުން ވަނީ އަލުން ހޯމްރޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެޔޮ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ މި ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ގާލިބާފްގެ އެޑްވައިޒަރަކު ވިދާޅުވި ގޮތުގައި، ޓްރަމްޕް ހަމަލާ ހުއްޓާލުމުގެ މުއްދަތު އިތުރުކުރީ ކުއްލި ހަމަލާއެއް ދިނުމަށް ވަގުތު ހޯދުމުގެ ރޭވުމެއްގެ ދަށުންނެވެ. އަދި އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ އެ ގައުމުން ހަމަލާ ހުއްޓާލުމުގެ މުއްދަތު އިތުރުކުރަން އެދިފައި ނުވާނެ ކަމަށް ބުނެފައެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން މިހާރު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.


