ޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުން އިތުރުކުރުވުން
10 އޯގަސްޓު 2026 - 06:00

އީރާނާ ދެކޮޅަށް ވަގުތުން އަސްކަރީ ހަމަލާއެއް ދިނުމުގެ ބަދަލުގައި، އެ ގައުމަށް ކުރިމަތިކުރަމުންދާ އިގްތިސާދީ ފިއްތުންތަކަށް ބަރޯސާވުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރައްވައިފިއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ 'އެކްސިއޯސް' އަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad by Hajj Corporation
އީރާނުގެ މައްސަލައިގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން މިވަގުތު އަމަލުކުރަމުންދަނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށާއި، އީރާނުގެ އިގްތިސާދު ހީނަރުވަމުންދާ މިންވަރު ވޮޝިންގްޓަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި އީރާނާއެކު މިވަގުތު ކުރިއަށްދަނީ "ސެމީ ނެގޯޝިއޭޓިންގް" ނުވަތަ ފުރިހަމަ ނޫން މަޝްވަރާތަކެކެވެ.
އީރާނުގެ މިހާރުގެ ހާލަތާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އަހަރެމެން މި ބަލަނީ އީރާނުގެ އިންފްލޭޝަން މަތިވެ، އެގައުމުގެ އަތުގައި ފައިސާ ނެތް މަންޒަރު" ކަމަށެވެ. އީރާނުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، އެ ގައުމުގެ ސިފައިންނަށް މުސާރަ ދިނުމަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމެރިކާގެ ކަނޑުގެ ސިފައިން އީރާނު ބްލޮކޭޑް ކުރުމުގެ ސަބަބުން އެ ގައުމުގެ ސަރުކާރަށް ކުރިމަތިވެފައިވާ ފިއްތުންތައް އިތުރުވެ، އިގްތިސާދީ ކްރައިސިސްއެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ކުރާ އިގްތިސާދީ އަސަރު ކުޑަވެފައިވާ ކަމަށާއި، ތެލުގެ އަގު މިހާރު ހުރީ ފީފާއަކަށް 75 ޑޮލަރަށް ވުރެ ކުޑަކޮށް މަތީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނާއެކު އޮތް މި ހަމަނުޖެހުންތަކާ ބެހޭގޮތުން ވާހަކަ ނިންމަވާލައްވަމުން ޓްރަމްޕް ވިދާޅުވީ، މިކަން ހައްލުވާނެ ކަމަށާއި، މިއީ ހީވަނީ "ޗެސް ކުޅިގަނޑެއް" ހެން ކަމަށެވެ. މިއީ އަބަދުވެސް ކަންކަން ހައްލުވާ އުސޫލު ކަމަށް އޭނާ ވިދާޅުވިއެވެ.


