ތިން ދުވަސްތެރޭޣައި ބަދަލުހިފައި ވޯލްވްސް ބަލިކޮށް ލިވަޕޫލުން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
7 މާރިޗު 2026 - 04:25

އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ވޯލްވްސް 3-1 އިން ބަލިކޮށް، މި ސީޒަނުގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ލިވަޕޫލް ވެއްޖެއެވެ.
މި ދެ ޓީމު މީގެ ތިން ދުވަސް ކުރިން މޮލިނިއުކްސްގައި ބައްދަލުކުރި މެޗުން ލިވަޕޫލް 2-1 އިން ބަލިވެފައިވާއިރު، ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. ނަމަވެސް، ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ކާމިޔާބުކޮށްދިނީ އެންޑީ ރޮބަޓްސަން އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އޭގެ ދެ މިނެޓު ފަހުން ރޮބަޓްސަން ނަގައިދިން ހުރަހަކުން މުހައްމަދު ސަލާހް ވަނީ ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑު ގަބޫލުކުރީ ވީއޭއާރުން ބެލުމަށްފަހު ސަލާހް އޮފްސައިޑް ނޫންކަމަށް ނިންމުމުންނެވެ.
ލިވަޕޫލްގެ ތިންވަނަ ލަނޑު އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން ކާމިޔާބުކޮށްދިނީ ކާޓިސް ޖޯންސް އެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ވޯލްވްސްގެ ހުވަންގް ހީ-ޗަން ވަނީ އެ ޓީމަށް ސުންކަނޑުވައިދީފައެވެ. ނަމަވެސް، މުޅި މެޗަށް ބަލާއިރު ލިވަޕޫލުން ވަނީ ހަތަރުވަނަ ލަނޑެއް ޖެހުމާ ގާތަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މި މޮޅާއެކު ލިވަޕޫލް މުބާރާތުގެ ދެން އޮތް ބުރަށް ދަތުރުކޮށްފައިވާއިރު، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ ގުރުއަތުލުން އޮންނާނީ އަންނަ ހޯމަ ދުވަހު، މާޗް 9 ގައެވެ.


