ބަރަކާތުން ފުރިގެންވާ މަތިވެރި ރެއެއް!
8 މާރިޗު 2026 - 09:27

ލައިލަތުލް ޤަދުރި ވިލޭރެއަކީ މުޅި އަހަރުގެ ތެރޭގައި އަންނަ އެންމެ މަތިވެރި، އެންމެ ބަރަކާތްތެރި ރެއެވެ. އެއީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތަކުގެ ތެރެއިން ރެއެކެވެ. މިއީ މުޅި އިންސާނިއްޔަތަށް ހިދާޔަތެއްގެ ގޮތުގައި ކީރިތި ޤުރުއާން ބާވައިލެއްވުނު މަތިވެރި ރެއެވެ.
މިރޭގެ މަތިވެރިކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަނީ ވަކި ސޫރަތެއް (ސޫރަތުލް ޤަދުރި) ބާވައިލައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ" މާނައީ ލައިލަތުލް ޤަދުރި ވިލޭރޭ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. އެބަހީ 83 އަހަރާއި 4 މަސްދުވަހުގެ އަޅުކަމަށްވުރެ މި އެންމެ ރެއެއްގެ އަޅުކަމުގެ ސަވާބާއި ދަރުމަ ބޮޑެވެ. މީގެ އިތުރުން ސޫރަތުއް ދުޚާންގައި މިރެއަށް "ލައިލަތުން މުބާރަކާ" (ބަރަކާތްތެރި ރޭ) ގެ ނަމުން ނަންދީފައިވެއެވެ.

Ad by Hajj Corporation
"ލައިލަތުލް ޤަދުރި" މާނައަކީ މިންކުރައްވާ ރެއެވެ. "ޤަދުރި" މާނައަކީ މިންވަރު ކުރުމެވެ. ސޫރަތުއް ދުޚާންގެ 4 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ" މާނައީ ޙިކުމަތްތެރި ކޮންމެ ކަމެއް އެރޭގައި ބަޔާންކޮށް ކަނޑައަޅުއްވައި ނިންމަވަތެވެ. މިއީ އެ އަހަރެއްގެ ތެރޭގައި ވާނޭ ކަންކަމާއި، މީސްތަކުންގެ ރިޒްޤާއި، މަރުވާނޭ ވަގުތުތައް މަލާއިކަތްބޭކަލުންގެ ފޮތްތަކުގައި ލިޔުއްވޭ ރެއެވެ.
ރަސޫލުﷲ ﷺ ގެ ގިނަ ޙަދީޘްފުޅުތަކެއްގައި މިރޭގެ ސިފަތައް ބަޔާންވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ލައިލަތުލް ޤަދުރަކީ އޮމާން، ހިތްގައިމު ރެއެކެވެ. އެރޭ މާ ގަދަ ހޫނެއް އަދި މާ ބޮޑު ފިންޏެއްވެސް ނުވެއެވެ." (ޞަޙީޙު އިބްނު ޚުޒައިމާ). އަދި އެރޭގެ އަލިކަން ގަދަވެފައި، އުޑުމަތި ސާފުވާނެކަމަށްވެސް ރިވާވެގެންވެއެވެ.
މިރޭގެ އެންމެ ފާހަގަކޮށްލެވޭ އެއް އަލާމާތަކީ، އެ ރޭ ނިމި އިރު އަރާއިރު، އިރުގެ ދޯދިތައް ފަނޑުވެފައިވުމެވެ. މުސްލިމްގެ ރިވާޔަތެއްގައިވާ ގޮތުން، އެދުވަހު އިރު އަރާނީ "ދޯދިތައް ނެތް ހުދު ތަބަކެއްގެ ސިފައިގައެވެ." މީގެ ސަބަބަކީ އެރޭ ބާވައިލެއްވި މަލާއިކަތްބޭކަލުން އުޑަށް އަރައިވަޑައިގަންނަވާ ވަގުތު އެބޭކަލުންގެ ނޫރުން އިރުގެ ދޯދިތައް ފޮރުވިގެން ދިއުމެވެ.
ޞަޙާބީ ބޭކަލުން މިރޭ ހޯއްދެވުމަށް ނުހަނު ބޮޑު ސަމާލުކަމެއް ދެއްވިއެވެ. ﷲ އެބޭކަލަކަށް ރުއްސުންލެއްވި އުބައްޔު ބިން ކަޢުބު ފަދަ ބޭކަލުން ހުވާ ކުރައްވައި އެއީ 27 ވިލޭރޭ ކަމަށް ވިދާޅުވެއެވެ. އަދި ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުން ފަދަ ސަލަފުއްޞާލިޙުން، ފަހު ދިހައެއްގެ ރޭތަކަށް ތައްޔާރުވުމުގެ ގޮތުން ފެންވަރައި، ހުވަނދުލައި، އެންމެ ރީތި ހެދުން ތުރުކުރައްވައި އުޅުއްވިއެވެ. އެބޭކަލުންގެ މުޅި ރޭ ހޭދަކުރައްވަނީ ނަމާދުކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމުގައެވެ.
ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ލައިލަތުލް ޤަދުރި ވިލޭރޭގެ ފުރިހަމަ ދަރުމަ ލިބިގަތުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ:
ޤިޔާމުލްލައިލް: ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "އީމާންކަމާއެކު، ދަރުމައަށް އެދިގެން ލައިލަތުލް ޤަދުރި ވިލޭރޭ އަޅުކަމުގައި ހޭލާ ހުރި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާ ހުއްޓެވެ." (ބުޚާރީ).
ދުޢާކުރުން: ޢާއިޝަތުގެފާނު ރަސޫލާ ﷺ އަރިހުން މިރޭ ކިޔާނެ ދުޢާއަކާއި މެދު ސުވާލުކުރެއްވުމުން އިރުޝާދު ދެއްވީ: "اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي" މިދުޢާ ކިޔުމަށެވެ. މާނައީ : އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮށް! އިބަ އިލާހީ ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ. އިބަ އިލާހު ފާފަ ފުއްސެވުމަށް ލޯބިކުރައްވަމުއެވެ. ފަހެ، މިއަޅާއަށް ފާފަ ފުއްސަވައިދޭންވެ ފާނދޭވެ!
ދިގުކޮށް ޤުރުއާން ކިޔެވުމާއި ޛިކުރުކުރުން : އެރޭގެ ވަގުތުތައް ބޭކާރު ވާހަކަދެއްކުމުގައި ހޭދަނުކޮށް، ﷲ ހަނދުމަކުރުމުގައި ދެމިހުރުން.
އިޢުތިކާފުވުން: ފަހު ދިހައިގެ ރޭތަކުގައި މިސްކިތުގައި އިޢުތިކާފަށް އިނުމަކީ ރަސޫލާ ﷺ ގެ ސުންނަތެކެވެ.
ލައިލަތުލް ޤަދުރަކީ އިންސާނެއްގެ މުޅި ޙަޔާތް ބަދަލުކޮށްލަނިވި ރެއެކެވެ. އެހެންކަމުން، މި ބަރަކާތްތެރި ރޭ އަޅުކަމުގައި ހޭދަކޮށް، ﷲ ގެ ތަނަވަސް ރަޙުމަތާއި ފުއްސެވުން ލިބިގަތުމަށް ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.
ލިޔުއްވީ: ޝައިޚް މުޙައްމަދު މަންޞޫރު އާދަމް


