ކީރިތި ޤުރްއާނުގެ މަހަށް މަރުޙަބާ!
19 ފެބްރުއަރީ 2026 - 12:23

އަޅުގަނޑުމެން އެމަހަކަށް އިސްތިޤުބާލުކޮށް، ވޭތުކުރަމުން މިދަނީ، ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. ކުރެވޭ އެންމެ އަޅުކަމެއްގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންދާ، ރަމަޟާން މަހެވެ. މިއީ އަޅުކަމުގެ މައްސަރެވެ. މާތް ނަބިއްޔާ صلى الله عليه وسلم އަށް ދެއްވި އެންމެ މަތިވެރި މުޢުޖިޒާތް ކަމަށްވާ، ﷲ ތަޢާލާގެ ކަލާމްފުޅު؛ ކީރިތި ޤުރްއާނުގެ މައްސަރެވެ.
މި މަހުގައި، އަޅުކަމަށް ފަހިކުރެއްވުމުގެ ހުރިހާ ދޮރެއް ވަނީ ހުޅުވައިދެއްވާފައެވެ. އަދި ފާފައަށް ފަހިވާ ހުރިހާ ދޮރުތަކެއް ވަނީ ވަރުގަދައަށް ބަންދުކުރައްވާފައެވެ. ޝައިޠާނުންގެ މާރިދުންތައް ވަނީ ހައްޔަރުކުރައްވާފައެވެ. ރަމަޟާން މަސް ބައްދަލުކުރުމުން، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާކަމަށް، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ.

Ad by Hajj Corporation
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ " .
މާނައީ: الله تعالى އެބޭކަލަކަށް ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ﷲ تعالى އެމަހެއްގައި ބަރަކާތްލެއްވި ރަމަޟާން މަސް ތިޔަބައިމީހުނާ ބައްދަލުކޮށްފިއެވެ. އެމަހުގައި، ﷲ تعالى ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވިއެވެ. އެމަހުގައި (ސުވަރުގޭގެ) ދޮރުކޮޅުތައް ތަންމިނަށް ހުޅުވާލައްވާނެއެވެ. އަދި ނަރަކައިގެ ދޮރުތައް ވަރުގަދައަށް ބަންދުކުރެވޭނެއެވެ. އަދި ޝައިޠާނުންގެ މާރިދުން ހައްޔަރުކުރެވޭނެއެވެ. އެމަހުގައި، ﷲ تعالى ގެ ޙަޟްރަތުގައި 1000 މަހަށްވުރެ ހެޔޮކަންބޮޑު ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމުވި މީހާ، (ހުރިހާ ހެޔޮކަމަކުން) މަޙްރޫމުވެއްޖެއެވެ."
(سُنَنُ النَّسَائِي 2106)
މި ޙަދީޘުން ދޭހަވާ ގޮތުގައި، ރަމަޟާން މަސް އައުމާއެކު، މުއުމިނުންނަށް އިސްތިޤުބާލުކުރުމަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ތަންމިނަށް ހުޅުވާލެވޭނެއެވެ. އަދި އެއުރެންގެ ފާފަތައް ފުއްސަވާ، ނަރަކައިން މިންޖުކުރެއްވުމަށްޓަކައި، އެތަނުގެ ދޮރުތައް ވަރުގަދައަށް ލައްޕާ، އެތަން ބަންދުކުރެވޭނެއެވެ.

އެހެން ރިވާޔަތެއްގައި ވާގޮތުން، މި މަހުގެ ކޮންމެ ރެއަކު ގޮވާލާ މީހަކު ގޮވާލާނެއެވެ.
"يَا بَاغِيَ الْخَيْرِ هَلُمَّ وَيَا بَاغِيَ الشَّرِّ أَقْصِرْ "
މާނައީ: "އޭ ހެޔޮކަމަށް އެދޭ މީހާއެވެ! އަވަސްވެގަންނާށެވެ! އަދި، އޭ ނުބައި ކަންތަކަށް އެދޭ މީހާއެވެ! މަޑުކުރާށެވެ!"
(سُنَنُ النَّسَائِي 2107)
މި މަހުގައި ކުރެވޭ އަޅުކަންތަކުގެ ތެރެއިން، ވަކީން ޚާއްޞަ އަޅުކަމެއްވެއެވެ. އެއީ، ކީރިތި ޤުރްއާން ކިޔެވުމެވެ. ސަބަބަކީ، ރަމަޟާން މަހަކީ އެ ޤުރްއާން ބާވައިލެއްވުނު މަހަށް ވުމެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ [2:185]
މާނައީ: "رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ."

ފުރަތަމަ ބަޔާންކޮށްދެވުނު ޙަދީޘުން އެނގޭ، މުހިންމު އިތުރު ކަމެއް އެބައޮތެވެ. މަތިވެރިވެގެންވާ ރެއެއްގެ ވާހަކައެވެ. އެންމެ ރެއެއްގައި އަޅުކަން ކޮށްލައިގެން އުމުރުދުވަހު އަޅުކަންކުރުމުގެ ދަރުމަ ލިބިގެންދާ މަތިވެރި ރެއެއްގެ ވާހަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ﴿٣﴾ [44:3]
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން، إنذار ކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ."
ކީރިތި ޤުރްއާން ކިޔެވުމަކީ ކިހާ ބޮޑު ޘަވާބެއްހުރި ކަމެއްތޯއެވެ؟
عَبْدَ اللَّهِ بْنَ مَسْعُودٍ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ "
މާނައީ: ޢަބްދުﷲ ބިން މަސްޢޫދު رضى الله عنه ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " ﷲ ތަޢާލާގެ ފޮތުން އަކުރެއް ކިޔަވައިފި މީހާއަށް ހެޔޮކަމެއް ވެއެވެ. އަދި ހެޔޮކަންތައްތައް ދިހަ ގުނައަށް އިތުރުވެގެންވެއެވެ. الم މިއީ އެއް އަކުރޭ ތިމަންކަލޭގެފާނު ޙަދީޘެއް ނުކުރައްވަމެވެ. ނަމަވެސް أَلِفٌ އަކީ އަކުރެކެވެ. އަދި لاَمٌ އަކީ އަކުރެކެވެ. އަދި مِيمٌ އަކީ އަކުރެކެވެ."
މި ޙަދީޘުން އެނގޭ ގޮތުގައި، އެންމެ ތިން އަކުރު ކިޔަވާލައިގެން، 30 ޘަވާބު އަޅުގަނޑުމެންނަށް ހޯދެއެވެ. އެހެންކަމުން، ކީރިތި ޤުރްއާން ކިޔެވުމަކީ އެހެނިހެން މައްސަރުތަކުގައިވެސް ޘަވާބާއި ދަރުމައިން ފުރިފައިވީ ކަމަކަށް ވީހިނދު، ރަމަޟާން މަހު ޤުރްއާން ކިޔެވުމުގެ ޘަވާބު، އަޅުގަނޑުމެންނަށް ތަޞައްވުރުވެސް ނުކުރެވޭހައި މަތިވެރިވެގެން ވެއެވެ.
ނަމަވެސް، އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ރޯދަމަސް ގާތްވީ ވަރަކަށް، އަދި ރޯދަމަސް ތެރޭގައި ވެސް އެކަމަކީ ޙަރާމްކަމެއް ކަމަށް، އެތައް ޙަދީޘަކާއި އާޔަތެއްގެ އަލީގައި އެތައް ޢިލްމުވެރިއަކު ފަތުވާދެއްވާފައިވާ މިއުޒިކުގެ ތެރެއަށް އަޅުގަނޑުމެން ގެނބިގެންދާ މަންޒަރެވެ. އަދި މިނޫނަސް ފައިދާއެއްނެތް، ގެއްލުންހުރި އެތައް ކަމެއްގެ ތެރޭގައި އަޅުގަނޑުމެންގެ ވަގުތުތައް ނަގާލާ މަންޒަރެވެ.
މި ރަމަޟާން މަސް ތަފާތުކުރުމަށް އަޅުގަނޑާއެކު ޢަޒުމު އާކުރަމާ ހިންގަވާށެވެ! ކީރިތި ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކޮށް، އާޔަތްތަކުގެ މާނައާމެދު ވިސްނާ ފިކުރުކޮށް، ތަދައްބުރުކުރާ ބަޔަކަށް ވަމާ ހިންގަވާށެވެ! ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މަހެވެ. އަޅުކަމުގެ މަހެވެ.
وفق الله لنا ولكم
މުރާޖަޢާ: ޝައިޚް ޢަބްދުﷲ މުބާޝިރު


