logo
Bank of Maldives

Bank of Maldives

ދުނިޔެ

އާ އިސްލީޑަރު ކަނޑައެޅުމުގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައި: އީރާން

މުހައްމަދު މޫސާމުހައްމަދު މޫސާ
8 މާރިޗު 2026 - 15:57
 އާ  އިސްލީޑަރު ކަނޑައެޅުމުގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައި: އީރާން

އީރާނުގެ އާ އިސްލީޑަރަކު ކަނޑައެޅުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ ނުވަތަ ރޫހީ ލީޑަރު ހޮވުމުގެ މަސްއޫލިއްޔަތު އަދާކުރާ މަޖިލީހުން ބުނެފައިވަނީ، އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމާ މެދު މިހާރު ގޮތެއް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެ މަގާމަށް ހޮވުނު ބޭފުޅެއްގެ ނަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ފުރަތަމަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާތަކެއްގައި އަވަހާރަވި އަލީ ޚާމަނާއީގެ ބަދަލުގައި އެ މަގާމަށް އަންނަ ކޮންމެ ބޭފުޅަކަށްވެސް ހަމަލާދޭނެ ކަމުގެ އިންޒާރު އިސްރާއީލުން ވަނީ ދީފައެވެ.

އީރާނުގެ އައި.އެސް.އެން.އޭ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، "އެސެމްބްލީ އޮފް އެކްސްޕަރޓްސް" ގެ އަޣުލަބިއްޔަތުން އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކު މިހާރު ވަނީ ކަނޑައަޅާފައެވެ. މިކަން ހާމަކުރެއްވީ އެ މަޖިލީހުގެ މެންބަރު މުހްސިން ހައިދަރީއެވެ. މީގެ އިތުރުން، އެ މަޖިލީހުގެ އެހެން މެންބަރެއް ކަމަށްވާ މުހައްމަދު މަހްދީ މީރްބާގިރީ ވެސް ވަނީ ގިނަ މެންބަރުންގެ ތާއީދާއެކު ވަކި ގޮތެއް ނިންމާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

އާޔަތުﷲ މުހްސިން ހައިދަރީ އަލެކަސީރު ވިދާޅުވި ގޮތުގައި، އާ ލީޑަރަކަށް ހޮވޭނީ އެމެރިކާއިން ދެކޮޅުވެރިކަން ގެންގުޅޭ ބޭފުޅެކެވެ. އޭނާ އިތުރަށް ވިދާޅުވީ، އީރާނުން "ބޮޑު ޝައިތާނާ" ގެ ގޮތުގައި ސިފަކުރާ އެމެރިކާއިން ބައެއް ކެންޑިޑޭޓުންނަށް ފާޑުކިޔުމަކީ، އެ މަޖިލީހަށް ލިބުނު ފުރުސަތެއް ކަމަށެވެ. މިއީ ޚާމަނާއީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އެ މަގާމަށް އައްޔަންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަފުޅެކެވެ.

"ދުޝްމަނުން ދެކޮޅުހަދާ މީހަކު އައްޔަންކުރުމުން އީރާނަށާއި އިސްލާމްދީނަށް ލިބޭ ފައިދާ ބޮޑުވާނެ،" ހައިދަރީ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިސްރާއީލް ސިފައިން ވަނީ އީރާނުގެ ރޫހީ ލީޑަރުގެ މަގާމަށް އަންނަ ކޮންމެ ބޭފުޅަކު ވެސް ނައްތާލާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކަށް ވެސް ހަމަލާދޭނެ ކަމަށް ފާރިސީ ބަހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ފަހަކަށް އައިސް، އުމުރުން 56 އަހަރުގެ މުޖްތަބާ ޚާމަނާއީގެ ނަން އެ މަގާމަށް އެންމެ ބޮޑަށް އިވިގެންދިޔަ ނަމަވެސް، އޭނާ އައްޔަންކުރުމާ މެދު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ސަބަބަކީ ބައްޕަގެ ފަހަތުން ދަރިފުޅު ވެރިކަމަށް އައުމަކީ އީރާނުގެ ދީނީ އިލްމުވެރިންގެ މެދުގައި މާ ބޮޑު ތާއީދެއް އޮތް ކަމަކަށް ނުވުމާއި، 1979 ވަނަ އަހަރުގެ އިންގިލާބަކީ ރަސްކަމުގެ ނިޒާމު ނައްތާލުމަށް ގެނައި އިންގިލާބަކަށް ވާތީއެވެ.

އީރާނުގެ ގާނޫނުއަސާސީ ބުނާގޮތުން، އެންމެ މަތީ ވެރިޔާ ހޮވަނީ 88 މެންބަރުންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕަރޓްސް" އިންނެވެ. އީރާނުގައި 37 އަހަރު ވަންދެން ވެރިކަން ކުރެއްވި އަލީ ޚާމަނާއީ އަވަހާރަވީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެހެރާނަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއެއްގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''އީރާނަކީ ވެނެޒުއޭލާ ކަމަށް ހީކޮށްގެންނުވާނެ ސަބަބުތައް''ދުނިޔެ | 4 ގަޑިއިރު ކުރިންއީރާނުގެ އާ މަތީވެރިޔާގެ ގޮތުގައި ޢަލީ ޚާމަނޭއީގެ ދަރިކަލުން މުޖުތަބާ އައްޔަންކޮށްފިދުނިޔެ | 16 ގަޑިއިރު ކުރިންއީރާނުގެ ވެރިރަށް ތެހެރާނަށް "ކަޅު ވާރޭ" ވެހިއްޖެދުނިޔެ | ދުވަހެއް ކުރިން އާ އިސްލީޑަރު ކަނޑައެޅުމުގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައި: އީރާންދުނިޔެ | ދުވަހެއް ކުރިން