އީރާނުގެ އާ މަތީވެރިޔާގެ ގޮތުގައި ޢަލީ ޚާމަނޭއީގެ ދަރިކަލުން މުޖުތަބާ އައްޔަންކޮށްފި
9 މާރިޗު 2026 - 01:41

އީރާނުގެ މަރުހޫމް ރޫހާނީ މަތީވެރިޔާ އާޔަތުﷲ ޢަލީ ޚާމަނޭއީގެ ދެވަނަ ދަރިކަލުން މުޖުތަބާ ޚާމަނާއީ، އެގައުމުގެ އާ މަތީވެރިޔާގެ ގޮތުގައި އާދީއްތަ ދުވަހު އައްޔަންކޮށްފިއެވެ.
އީރާނުގެ އެންމެ މަތީ ބާރުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އޮންނަ ދީނީ އިލްމުވެރިންގެ މަޖިލީހުން މި ނިންމުން އިއުލާންކުރަމުން، އާ ލީޑަރުގެ ފަހަތްޕުޅުގައި އެކަތިގަނޑަކަށް ވުމަށާއި ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް އީރާނުގެ ރައްޔިތުންނަށް ވަނީ ގޮވާލާފައެވެ.

Ad by Hajj Corporation
ދައުލަތުގެ މީޑިއާތަކުން އާންމުކުރި ބަޔާނެއްގައި އެ މަޖިލީހުން ބުނެފައިވަނީ، މުޖުތަބާ ޚާމަނޭއީ އައްޔަންކުރީ "ނިހާއީ ވޯޓަކުން" ކަމަށެވެ. އެ މަޖިލީހުން ވަނީ ގައުމުގެ ހުރިހާ ރައްޔިތުންނާއި، ޚާއްޞަކޮށް ދީނީ މަރުކަޒުތަކާއި ޔުނިވަރސިޓީތަކުގެ އިލްމީ ބޭފުޅުން އާ ލީޑަރަށް ބައިއަތު ހިފުމަށާއި، އީރާނަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގައި އެއްބައިވަންތަކަން ރައްކާތެރިކުރުމަށް އިލްތިމާސްކޮށްފައެވެ.
މި އައްޔަންކުރުމަށް އީރާނުގެ ތާއީދު އޮންނަ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ މަރުހަބާ ކިޔާފައެވެ. ހޫތީންގެ ޓެލެގްރާމްގައި ބުނެފައިވަނީ، މި މުހިންމު ދަނޑިވަޅުގައި އިސްލާމީ އިންގިލާބުގެ މަތީވެރިޔާގެ ގޮތުގައި ސައްޔިދު މުޖުތަބާ ޚާމަނޭއީ ހޮވުމަކީ އިސްލާމީ އިންގިލާބަށް ލިބުނު އާ ކާމިޔާބީއެއް ކަމަށާއި، އެއީ އީރާނާއި އިސްލާމީ އުންމަތުގެ ދުޝްމަނުންނަށް ލިބުނު ވަރުގަދަ ހަމަލާއެއް ކަމަށެވެ.
މިއީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު، އީރާނުގެ މަތީވެރިކަން ބައްޕައެއްގެ ކިބައިން ދަރިއަކަށް ފޯރުވި ފުރަތަމަ ފަހަރެވެ. 37 އަހަރު ވަންދެން ވެރިކަން ކުރެއްވި އާޔަތުﷲ ޢަލީ ޚާމަނޭއީ އަވަހާރަވީ، ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު ތެހެރާނަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއެއްގައެވެ.
އީރާނުގެ ސިޔާސީ އަދި ސަލާމަތީ އިސްވެރިންނާއި އަސްކަރިއްޔާއިން ވަނީ އާ ލީޑަރަށް ބައިއަތު ހިފާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މުޖުތަބާ ޚާމަނޭއީއަށް ތަބާވުމަކީ "ދީނީ އަދި ގައުމީ ވާޖިބެއް" ކަމަށެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ނިންމުމާ ދެކޮޅު ހައްދަވައި، ވޮޝިންޓަނުގެ ރުހުން ނެތި އައްޔަންކުރާ ލީޑަރަކަށް ގިނަ ދުވަހު މަގާމުގައި ނުހުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މުޖުތަބާ ޚާމަނޭއީ އައްޔަންކުރުމަކީ ހުޅަނގުގެ ފިއްތުންތަކަށް ބޯނުލަނބާނެކަން ދެއްކުމަށް އެޅި ރަމްޒީ ފިޔަވަޅެކެވެ.


