ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭގެ ތާއީދު ''މިއީ ގައުމަށް އެންމެ ފައިދާ ބޮޑުގޮތް''
11 މާރިޗު 2026 - 01:34

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދުކޮށްފިއެވެ.
އެ ޕާޓީން ބުނީ މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ގައުމުގެ އިގުތިސާދީ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

Ad by Hajj Corporation
އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
"މިއީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި މި ޕާޓީން ދެކެމެވެ،" އެމްޑީއޭގެ ބަޔާނުގައިވެއެވެ.
އެ ޕާޓީން ފާހަގަކުރި ގޮތުގައި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ އަބަދުވެސް އިގުތިސާދީ ހަމަޖެހުމާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެހެންކަމުން، މި ނިންމުމަކީ ގައުމުގެ ކުރިއެރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.
މި ތާއީދުކުރުމާއެކު، ޚަރަދު ކުޑަކޮށް އިގުތިސާދު ވަރުގަދަކުރުމަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެމްޑީއޭއިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ގައުމުގެ ކުރިމަގާއި އިގުތިސާދީ ހަމަޖެހުމަށް ކުރެވޭ މަސައްކަތްތަކުގައި އެމްޑީއޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ ދީފައެވެ.
އެމްޑީއޭއިން ބުނެފައިވަނީ، އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތްތައް އިސްކުރުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު އަންނަ މަހު 4 ވަނަ ދުވަހު ނަގާނެއެވެ.


