އެމެރިކާއިން ދެކުނު ކޮރެއާގައި ގާއިމުކޮށްފައިވާ ވައިގެ ދިފާއީ ނިޒާމުތައް މެދުއިރުމައްޗަށް ބަދަލުކޮށްފި
11 މާރިޗު 2026 - 02:26

އެމެރިކާއިން ދެކުނު ކޮރެއާގައި ގާއިމުކޮށްފައިވާ "ޕެޓްރިއަޓް" އަދި "ތާޑް" ވައިގެ ދިފާއީ ނިޒާމުތައް މެދުއިރުމައްޗަށް ބަދަލުކޮށްފައިވާ ކަމަށް ޔޮންހަޕް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފިއެވެ.
މި ބަދަލުގެ ދަށުން ޕެޓްރިއަޓް (PAC-2 އަދި PAC-3) މިސައިލް ނިޒާމުތަކާއި ތާޑް ނިޒާމުގެ ބައެއް ބައިތައް ސައުދީ އަރަބިއްޔާ އާއި ޔޫއޭއީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ "ސްޓްރެޓީޖިކް ފްލެކްސިބިލިޓީ" ގެ ސިޔާސަތުގެ ދަށުން، އީރާނުން ދީފާނެ ޑްރޯން އަދި މިސައިލް ހަމަލާތަކުން ރައްކާތެރިވުމަށް ޖަރުމަނުވިލާތް ފަދަ ގައުމުތަކުގައި ހުރި ވަސީލަތްތަކާއެކު މެދުއިރުމައްޗަށް ޖަމާކުރާ ޖަމާކުރުމެކެވެ.

Ad by Hajj Corporation
އެމެރިކާގެ މި ނިންމުމާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ލީ ޖައި-މިއުންގް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ރައީސް ވިދާޅުވީ ދިފާއީ ހަތިޔާރުތައް ގެންދިއުމާ ދެކޮޅަށް އަޑުއުފުއްލެވި ނަމަވެސް، މި ނިޒާމުތަކުގެ އޮޕަރޭޝަނަލް ކޮމާންޑް އެމެރިކާގެ އަތުގައި އޮތުމުން މިކަމުގައި ދެކުނު ކޮރެއާގެ ބަސް ފުރިހަމައަށް އިއްވޭނެ ގާބިލުކަން ނެތް ކަމަށެވެ. މިއީ ސޯލްއަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހާލަތާ ގުޅިގެން ރައީސް ލީ ވަނީ ގައުމުގެ ދިފާއީ ކަންކަމުގައި "އަމިއްލަ ފައިމައްޗަށް ތެދުވުމުގެ" މުހިންމުކަން އަލުން ހަނދާންކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދެކުނު ކޮރެއާގެ އަމިއްލަ "ޗިއުންގުންގް-2" ނިޒާމުން ބައެއް ބޭނުންތައް ފުއްދިދާނެ ނަމަވެސް، ތާޑް ފަދަ އުސްމިނުގައި ހަމަލާދޭ ނިޒާމެއްގެ މަދުކަން ފޫބެއްދޭނީ އެ ގައުމުން އުފައްދާ "އެލް-ސޭމް" (L-SAM) ނިޒާމު ފުރިހަމައަށް ގާއިމުކުރެވުމުން ކަމަށެވެ.
ނަމަވެސް، ރައީސްގެ ރަސްމީ އިދާރާ (ބްލޫ ހައުސް) އިން ބުނެފައިވަނީ ދެކުނު ކޮރެއާގެ އަސްކަރީ ގާބިލުކަން މިހާރު ހުރި މިންވަރުން، މި ބަދަލުގެ ސަބަބުން އުތުރު ކޮރެއާއާ ދެކޮޅަށް އޮތް ދިފާއީ ބާރަށް މާ ބޮޑު ލޮޅުމެއް ނާންނާނެ ކަމަށެވެ. އެހެންނަމަވެސް، މި ހާދިސާއާ ގުޅިގެން ހަނގުރާމައިގެ ވަގުތު އޮޕަރޭޝަނަލް ކޮންޓްރޯލް (OPCON) ދެކުނު ކޮރެއާގެ އަސްކަރިއްޔާއާ ހަވާލުކުރުމާ ބެހޭ ބަހުސްތައް ވަނީ އަލުން ހޫނުވެފައެވެ.


