ނިއުޔޯކް ސިޓީގެ މޭޔަރު މަމްދާނީގެ ރަސްމީ ގޭކޮޅު ކުރިމައްޗަށް ބޮމެއް އެއްލި މައްސަލައެއް ބަލަނީ
9 މާރިޗު 2026 - 12:17
ނިއުޔޯކް ސިޓީގެ މޭޔަރު ޒޯހްރާން މަމްދާނީގެ ރަސްމީ ގޭކޮޅު ކުރިމަތީގައި، ހަރުކަށި ކަނާތު ފިޔަހީގެ މީހުންނާއި އެމީހުންނާ ދެކޮޅަށް މުޒާހަރާކުރި ބަޔަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި، އަމިއްލައަށް އުފައްދާފައިވާ ބޮމެއް އެއްލި މައްސަލައެއް އެމެރިކާގެ ފެޑަރަލް އިދާރާތަކުން ތަހުގީގު ކުރަން ފަށައިފިއެވެ.
ނިއުޔޯކް ފުލުހުންގެ ބޮން ސްކޮޑުން ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި، މިއީ ހަމައެކަނި ބިރުދެއްކުމަށް ނުވަތަ ދުން އެރުވުމަށް ބޭނުންކުރި އެއްޗެއް ނޫނެވެ. މިއީ މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ގޮވާ އެއްޗެކެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

Ad by Hajj Corporation
ފުލުހުން ތުހުމަތުކުރާ ގޮތުގައި، އުމުރުން 18 އަހަރުގެ އަމީރު ބާލާތު ވަނީ ރޯކޮށްފައިވާ ގޮވާ އެއްޗެއް މުޒާހަރާކުރި ސަރަހައްދަށް އެއްލާފައެވެ. މި އެތި ތައްޔާރުކޮށްފައިވަނީ ބިއްލޫރި ފުޅިއެއްގެ ތެރެއަށް މޮަހޮރުތަކާއި، ބޯލްޓްތަކާއި، އަދި އިތުރު ދަގަނޑު އެތިކޮޅުތައް އަޅައި، ކަޅު ޓޭޕް އޮޅައިގެންނެވެ. ހެކިން ބުނި ގޮތުގައި އެ އެތި އެއްލި ވަގުތު އޭގައި އަލިފާން ހިފާފައި ހުއްޓެވެ. ނަމަވެސް، އެ އެތި ފުލުހުން ތިބި ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ހުރި ހުރަހެއްގައި ޖެހި، އޭގެ ޒާތުގައި ނިވުނީއެވެ.
މި މައްސަލާގައި އަމީރު ބާލާތުގެ އިތުރުން، އެ އެތި ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި 19 އަހަރުގެ އިބްރާހީމް ގައްޔޫމީ ވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، މުޒާހަރާގެ ތެރޭގައި ހިނގި އެހެނިހެން ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ހަތަރު މީހަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެފް.ބީ.އައި އިން ހާމަކުރި ގޮތުގައި، މި މައްސަލަ ތަހުގީގު ކުރުމުގައި އެ އިދާރާގެ ޖޮއިންޓް ޓެރަރިޒަމް ޓާސްކް ފޯސް އިން ދަނީ ނިއުޔޯކް ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހާދިސާ ހިނގީ ހަރުކަށި ފިކުރުގެ ޖޭކް ލޭންގް އިސްވެ ހުރެ، އިސްލާމްދީނާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ.
ހާދިސާ ހިނގި ވަގުތު، ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރު ޒޯހްރާން މަމްދާނީ ހުންނެވީ އަނބިކަނބަލުންނާއެކު ގޭގައެވެ. މޭޔަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މުޒާހަރާތަކުގައި އަނިޔާވެރިކަން އިސްކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ގޮވާ އެއްޗެއް ބޭނުންކޮށްގެން ދޭން އުޅުނު މި ހަމަލާއަކީ ވަރަށް ދަށު ދަރަޖައިގެ، ޖިނާއީ އަމަލެއް ކަމަށެވެ.
ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޯކުލް ވެސް ވަނީ މި ހާދިސާ ކުށްވެރިކުރައްވައި، މިފަދަ ފިނޑި އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ހައްޔަރުކުރެވުނު އަމީރު ބާލާތަކީ އެމެރިކާގެ ރައްޔިތެއް ކަމަށާއި، އޭނާގެ އާއިލާއަކީ ތުރުކީއަށް ނިސްބަތްވާ ބައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިބްރާހީމް ގައްޔޫމީގެ އާއިލާއަކީ އަފްޣާނިސްތާނަށް ނިސްބަތްވާ، އެމެރިކާގެ ރައްޔިތުންނެވެ. ތަހުގީގު ކުރިއަށްދާ ވަގުތު، އެ ސަރަހައްދުން ޝައްކުކުރެވޭ އެހެން އެއްޗެއް ފެނިގެން ބައެއް އިމާރާތްތައް ހުސްކުރި ނަމަވެސް، ފަހުން ފުލުހުން ވަނީ އެ ތަނަކީ ރައްކާތެރި ތަނެއް ކަމަށް ކަނޑައަޅާފައެވެ.


