ވަޒީރު ދެއްވީ ކުޅުދުއްފުއްޓަށް ސިއްހީ ދާއިރާއިން އެތަކެއް ކުރިއެރުމެއް އަންނާނެކަމުގެ ޔަގީންކަން!
11 މާރިޗު 2026 - 10:29

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓަރޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތާއެކު، އެރަށަށް ސިއްހީ ދާއިރާއިން އެތަކެއް ކުރިއެރުމެއް އަންނާނެ ކަމުގެ ޔަގީންކަން، ސިއްހަތާބެހޭ ވަޒީރު، ޢަބްދުﷲ ނާޡިމް އިބްރާހީމް ދެއްވައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓަރޝަރީ ފެންވަރަށް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ނާޡިމް ވިދާޅުވީ، ރީޖަނަލް ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރާ މަސައްކަތެއް ކަމަށާއި، އެގޮތުން ފާއިތުވި އަހަރު ތެރޭ، ރީޖަނަލް ހޮސްޕިޓަލްތަކުގެ އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އިތުރުން އެތަކެއް ސަބް ސްޕެޝަލިޓީއެއް ތައާރަފުކުރެވި، އެ ހޮސްޕިޓަލްތަކުނެ ދެވެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

އެގޮތުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މިހާރުވެސް ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމްގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެތަނުން ޚިދުމަތްދޭ ފެށޭނެ ކަމަށެވެ. މީގެ އިތުރުން، ޑަޔަލިސިސްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްވެސް ނިމުމަކަށް އައިސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރުކުރެވޭ އައިސޮލޭޝަން ފެސިލިޓީއާއި ޕްރައިވެޓް ރޫމްތަކުގެ މަސައްކަތުގެ އިތުރުން، ޓަރޝަރީ ހޮސްޕިޓަލުގެ ބައެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ ދަމަނަވެށީގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކޮށް، މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިހުރިހާ މަސައްކަތްތަކަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތާ ގުޅިލާމެހިފައިވާ މަސައްކަތްތަކެއް ކަމަށާއި، މި މަސައްކަތްތައް ނިމޭއިރު ހޮސްޕިޓަލްގެ ވަރަށް ގިނަ ހިދުމަތްތަކެއް ފުރިހަމަވެ، ހޮސްޕިޓަލް ގެންދިއުމަށް ސަރުކާރުން އެދޭ މަންޒިލަށް ގެންދިއުމަށް ފަސޭހަވެ، އަލަށް ގާއިމުކުރެވޭ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ކުރެވިގެންދާނެ މަސައްކަތަކީ، ޓަރޝަރީ ހޮސްޕިޓަލުގެ މައި އިމާރާތް އެލުމަށް ހަމަޖެހިފައިވާ ތަނުގައި ހުރި ލޭބަރ ރޫމް އާއި އޮޕަރޭޝަން ތިއޭޓަރ އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި، މިކަން ކުރެވުނު އެންމެ އަވަހަކަށް ދެންހުރި މަސައްކަތްތައް ފެށިގެން ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.


