ހުޅުމާލޭގައި ފުލުހަކަށް އަނިޔާކޮށް ޒަޚަމްކޮށްލައިފި
13 މާރިޗު 2026 - 01:39

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ ތެރޭގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ރޭ ހާމަކުރި ގޮތުގައި، މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Ad by Hajj Corporation
ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ފުލުސް މީހާއަށް އަނިޔާވެފައިވަނީ އޭނާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހިޔާ ފްލެޓްގެ 15 ވަނަ ޓަވަރުގައެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި މީހަކު ކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ އެ ފުލުސް މީހާ، އެހެން ފުލުހުންގެ ބެލުމުގެ ދަށުން ޓަވަރުން ނެރެގެން ގެންދެއެވެ. އެ ވަގުތު އެ ސަރަހައްދުގައި ތިބި ބައެއް އާންމުން ދިޔައީ އެއިރުވެސް ވީޑިއޯ ކުރަމުންނެވެ. އެއިރު ފުލުސް މީހާ ބޮލުން ލޭ ފައިބާތީ ވެސް ވީޑިއޯ އިން ފެނެއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ވަށައިގެންވާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މިކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
އަދި ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.


