ނޯބެލް ސުލްހައިގެ އިނާމް ހައްގުކަމަށް ވަކާލާތުކުރަށްވާ ޓްރަމްޕް ވިދާޅުވީ އިނާމަށް ޝައުގެއް ނެތްކަމަށް
13 މާރިޗު 2026 - 02:36

އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން، ނޯބެލް ސުލްހައިގެ އިނާމު ލިބުމަށް އޮތް ފުރުސަތަށް އަސަރުކޮށްފާނެތޯ އުފެދުނު ސުވާލުތަކަށް ރައްދު ދެއްވަމުން، އެ އިނާމު ހޯދުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.
"ވޮޝިންޓަން އެގްޒަމިނާ" އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އެކަމާ މެދު އޭނާ އެއްވެސް ވަރަކަށް ނުވިސްނަވާ ކަމަށާއި، ދާދި ފަހުން ބޭރު ގައުމުތަކުގެ ލީޑަރުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް އެ އިނާމުގެ ވާހަކަ ދެކެވިފައި ނުވާ ކަމަށެވެ.

Ad by Hajj Corporation
އަދި އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދެމުންދާ ހަމަލާތަކަކީ ނޯބެލް ކޮމިޓީގެ މެންބަރުންގެ ނިންމުމަށް ބާރުފޯރުވާނެ ކަމެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވާފައިވާތީ، 2025 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ހައްގުވާ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ޓްރަމްޕްގެ ރާގަށް އައި ފާހަގަކޮށްލެވޭ ބަދަލެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތީ ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯއަށެވެ. އޭނާ ވަނީ ފަހުން އެ މެޑަލް ޓްރަމްޕަށް ހަދިޔާކުރައްވާފައެވެ.
މީގެ އިތުރުން، އީރާނަށް ފަހު ދެން އެމެރިކާގެ އަމާޒަކަށް ވާނީ ކިއުބާ ކަމަށް ދޭހަވާ މޭރުމަކުން ޓްރަމްޕް ވާހަކަ ދައްކަވާފައި ވާތީ، އެ ގައުމާ ބެހޭ ގޮތުން ވެސް މި އިންޓަވިއުގައި ސުވާލު ދެންނެވުނެވެ.
ކިއުބާގެ ކަންކަން އެމެރިކާގެ ބާރުގެ ދަށަށް "ރަހުމަތްތެރިކަމާއެކު" ގެނެވިދާނެ ކަމަށް މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވީ ނަމަވެސް، އެއީ ރަހުމަތްތެރިކަމާ ނުލައި ކުރަންޖެހޭ ކަމަކަށް ވެސް ވެދާނެ ކަމަށް އޭނާ ވަނީ ފަހުން އެއްބަސްވެވަޑައިގެންފައެވެ.
ކިއުބާގައި ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން އެ ސަރަހައްދުގެ މަސްތުވާތަކެތީގެ ނެޓްވޯކްތަކާ ދެމެދު އިތުރު ކުރިމަތިލުންތަކެއް އުފެދިދާނެތޯ ސުވާލު ކުރުމުން، ޓްރަމްޕް އެކަމަށް އިންކާރު ކުރައްވަމުން ވިދާޅުވީ، އެފަދަ ކަމެއް ނުވާނެ ކަމަށެވެ.


