ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުމެއް ނުކުރެވޭނެ؛ ވަޒީރު ޑރ. ޚަލީލް
13 މާރިޗު 2026 - 04:03

މެދުއިރުމަތީ ހަނގުރާމައިގައި އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ނުދޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ހާލަތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ ފެންވަރުގައި އެކުލަވާލާފައިވާ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ކޮމެޓީގެ މަސައްކަތްތައް ބައްޓަން ކުރެވިފައިވާ ގޮތް ހިއްސާކުރައްވާފައެވެ. އެގޮތުން ކޮމެޓީގެ އެންމެ އިސް މަޤްޞަދަކީ ރާއްޖޭގެ އަމާންކަމާއި އިޤްތިޞާދު ހިމާޔަތްކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަނގުރާމައާއި ގުޅިގެން ޤައުމުތަކަށް ހަމަލާ ދިނުމަށް އެހީވުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ވަނީ އަޑު ފަތުރާފައެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ނުކުރައްވާކަން ހާމަކޮށް ވަޒީރު ޑރ. ޚަލީލް ވަނީ އެކަމަށް ޤައުމުތަކުން އެދެމުން ދިޔަ ނަމަވެސް ރާއްޖެއިން އެކަން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ.
ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ސަރުކާރުން ނުދޭނެކަން ހާމަކޮށްފައިވާއިރު، ދާދި ފަހުން އެމެރިކާގެ އަސްކަރީ ބޯޓަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދުމަތް ދިން ކަމުގައި މީސްމީޑިއާގައި ދައުރުވިއެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއީ އަސްކަރީ ބޯޓެއް ނޫންކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެ ބޯޓަކީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ހުއްދަ ހޯދައިގެން ރާއްޖެ އައި ބޯޓެއް ކަމަށާއި ސީޝެލްސްއިން ދަތުރުކޮށް ރާއްޖެއައި ބޯޓު ދެން ދަތުރުކުރީ ތައިލޭންޑަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation


