މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބަންދުނުކުރާ ނަމަ ހަމަލާތައް ނުހުއްޓޭނެ: އީރާނުގެ ރޫހީ ލީޑަރު
13 މާރިޗު 2026 - 04:20

މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބަންދުނުކުރާހާ ހިނދަކު ހަމަލާތައް ނުހުއްޓޭނެ ކަމަށް އީރާނުގެ އައު ރޫޙީ ވެރިޔާ، މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެެމެރިކާއިން އީރާނަށް ދޭން ފެށި ޙަމަލާތަކުގައި އޭރު އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމުގައި ހުންނެވި އާޔަތުالله ޢަލީ ޚަމަނާއީ ވަނީ އަވަހާރަވެފައެވެ. އެއާއެކު، އައު ރޫޙީ ވެރިޔާގެ މަޤާމަށް އީރާނުން މިހާރު ވަނީ އޭނާގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ ޢައްޔަކުކޮށްފައެވެ.
މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުޚާތަބު ކުރައްވައި ނެރުއްވި ބަޔާނުގައި މުޖުތަބާ ވިދާޅުވީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބަންދުނުކުރާހާ ހިނދަކު ހަމަލާތައް ނުހުއްޓޭނެ ކަމަށެވެ. އަދި އޭނާ ވަނީ އެމެރިކާގެ އަސްކަރީ ބޭސްތައް ބަންދުކުރުމަށް ގޮވާލާފައެވެ.

Ad by Hajj Corporation
އީރާނުގެ އައު ރޫޙީ ވެރިޔާ މުޖުތަބާ ވިދާޅުވީ ޝަހީދުވި މީހުންގެ މަރަށް ބަދަލު ހިފާނެ ކަމަށެވެ. މުޖުތަބާ ވިދާޅުވީ ކާމިޔާބުކަމާއެކު އީރާނުން މިހާރު ވެސް ބޭނުން ކުރަމުންދާ ދިފާޢީ އުކުޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޭނުންކުރަމުން ދިޔުމަށް ގިނަ ރައްޔިތުން އެދޭ ކަމަށެވެ. އަދި ހުރުމުޒް ކަނޑުއޮޅި ހަތިޔާރަކަށް ހަދައި، އެ މަގު ބަންދުކޮށްފައި ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނުން ރޭވެސް ވަނީ، ޔޫއޭއީގެ އެކި ރަށްތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ޑްރޯންއާއި ބެލިސްޓިކް މިސައިލުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މީގެއިތުރުން، އީރާނުންވަނީ ބަހްރެއިންގައި ހުރި އެމެރިކާގެ ތަންތަނަށާއި، ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއަރބޭސް އަށާއި، ގަތަރުގައި ހުރި އެމެރިކާގެ ބޭސްތަކަށާއި ތަންތަނަށްވެސް ވަރުގަދަ ހަމަލާތަކެއް ދިފައެވެ.
އީރާނުގެ ޑްރޯންއާއި މިސައިލް ހަމަލާތައް ކުވައިތަށްވެސް އަމާޒުކުރިއިރު ކުވައިތުގެ ހުރިހާ ހިސާބަކުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވެމުންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެއިތުރުން، އުމާނަށްވެސް ފުރަތަމަ ފަހަރަށް ވަނީ އީރާނުގެ ޑްރޯން ހަމަލާތަކެއް އަމާޒުވެފައެވެ.


