މުހިންމު އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނުފޫޒުން އެއްކިބާވާނެ: ރައީސް
13 މާރިޗު 2026 - 14:08

މުހިންމު އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ނުފޫޒުން އެއްކިބާވެގެން އެންމެ ގިނަ ރައްޔިތުން ނުކުމެގެން ވޯޓު ލެވޭނެ ގޮތް ފަހިވާނެ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީން ބޭއްވި ސައިކަލު ބުރަށް ފަހު ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ ގައުމުގެ ހަމަޖެހުން ކުރިއަށް ގެންދިއުމާއި ސިޔާސީ ހަލަބޮލިކަން އެކީ އެކައްޗަކަށް ނައްތާލުމާއި، ރައްޔިތުންނަށް ބޭނުންވާ ކުރިއެރުމާއި ހެވާ ލާބަ ހޯދައިދިނުމަށް ވެސް މިކަމުން އެހީތެރިވާނެ ކަމަށެވެ. އަދި މީގައި ގާނޫނީ އެއްވެސް ފުށުއެރުންތަކެއް ނެތް ކަމަށާއި މިކަމާއި ރައްޔިތުން ވިސްނައިފިނަމަ ފައިދާ ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރެއް ހޮވިގެން ގޮސް، މަޖިލިސް އިންތިހާބު ހަތް މަސް ފަހުން އައުމުން ސަރުކާރުގެ ފަރާތުން ތިބި ކެންޑިޑޭޓުން ކަމަށް ބުނެ ރައްޔިތުންގެ ގާތަށް ގޮސް ކަންކަން ކުރުމުގައި ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ކަންކަން ނުކުރެވޭ ހިސާބަށް ކަންތައް ދާ ކަމުގައި ވެސް ވިދާޅުވިއެވެ. ހަމައެފަދައިން އެންމެ އިންސާފުވެެރި ގޮތަކީ ދެ އިންތިހާބު އެއް ދުވަހެއްގައި އޮތީމާ، ތިމަަންނައަކީ ސަރުކާރު ކެންޑިޑޭޓޭ ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ އެ ދުވަހު ހޮވޭނީ ކޮން ސަރުކުރެއް ކަމެއް އެނގޭނެ މީހަކު އެތާކު ނުހުންނާނެ ކަމަށާއި އެއީ ނުފޫޒުން އެއްކިބާވެ ނުފޫޒު ފޯރުވުމުގެ ފުރުސަތު އެންމެ ހަނިކޮށް، އަދި އެންމެ ގިނަ ރައްޔިތުންނަށް ވޯޓު ލުމުގެ އިންތިހާބު ބޭއްވިގެންދާ ގޮތް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.


