ތެލުގެ އަގު ފީފާއެއް 150 ޑޮލަރަށް އުފުލިއްޖެނަމަ ދުނިޔޭގެ އިގްތިސޯދު ފުނޑުފުނޑުވެދާނެކަމުގެ އިންޒާރު
14 މާރިޗު 2026 - 20:44

ތެލުގެ އަގު ފީފާއެއް 150 ޑޮލަރަށް އުފުލިއްޖެނަމަ، ދުނިޔޭގެ އިގްތިސާދަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ހަކަތައާ ބެހޭ މާހިރުން އިންޒާރު ދީފިއެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ހަފުތާތަކުގައި ވެސް ދިގުލައިގެން ހިނގައްޖެނަމަ، ތެލުގެ އަގު މިހާރަށްވުރެ ވެސް ބޮޑަށް އުފުލިގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

Ad by Hajj Corporation
ކޮންސަލްޓެންސީ ފާމެއް ކަމަށްވާ "ފޮރިން ރިޕޯޓްސް" ގެ ވައިސް ޕްރެޒިޑެންޓް މެތިއު ރީޑް އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ހިނގަމުންދާ ކުރިމަތިލުންތައް ވަގުތުން ހުއްޓާލި ކަމުގައިވީ ނަމަވެސް، ހަކަތައިގެ ބާޒާރު ހަމައަކަށް އެޅުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.
"މިއަދުން މިއަދަށް މި ހަމަނުޖެހުންތައް ހުއްޓުމަކަށް އައި ކަމުގައިވީ ނަމަވެސް، އަދި އީރާނުން ހަނގުރާމަ ހުއްޓާލައި އުޅަނދުފަހަރަށް ހަމަލާދިނުން ހުއްޓާލި ކަމުގައިވިޔަސް، ހާލަތު އާންމު ހާލަތަކަށް ރުޖޫޢަވުމަށް ހަފުތާތަކެއް ނުވަތަ މަސްތަކެއް ނަގާފާނެ،" ރީޑް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިކަމަށް ނަގާ މުއްދަތުން ދޭހަކޮށްދެނީ، މިހާރު ތެލުގެ ބާޒާރު އޮތް ނާޒުކު ހާލަތެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިހާރު ތެލުގެ އަގު ހުރީ ފީފާއެއް 100 ޑޮލަރުގައި ކަމަށާއި، މި ހަމަނުޖެހުން ކުރިއަށް އޮތް ދެތިން ހަފުތާއަށް ދިގުލައިގެން ހިނގައްޖެނަމަ، 2022 ވަނަ އަހަރު ތެލުގެ އަގު އުފުލުނު މިންވަރަށް، އެބަހީ 120 ޑޮލަރަށްވުރެ މައްޗަށް އަގު އުފުލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ރީޑް އިންޒާރު ދެއްވި ގޮތުގައި، ހަނގުރާމަ ދިގުލައިގެން ގޮސް ތެލުގެ އަގު 150 ޑޮލަރާ ގާތްކޮށްފިނަމަ، އޭގެ ނަތީޖާއަކަށް ވާނީ ތެލަށް އޮތް ޑިމާންޑް މުޅިން އަޑިއަށް ގޮސް، އިގްތިސާދީ ދުވެލި މަޑުޖެހުމެވެ. މިއީ މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވާނެ ވަރަށް ބޮޑު ކާރިސާއަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގޭހުގެ ބާޒާރުގެ ހާލަތު މިއަށްވުރެ ވެސް ގޯސްވެދާނެ ކަމަށް ރީޑް ލަފާކުރެއްވިއެވެ. ގަތަރުން ގޭސް އުފެއްދުން ހުއްޓާލަން މަޖުބޫރުވުމާ ގުޅިގެން، ދުނިޔޭގައި އުފައްދާ 'ލިކުއިފައިޑް ނެޗުރަލް ގޭސް' (LNG) ގެ 20 އިންސައްތަ މިހާރު ވަނީ ބާޒާރަށް ނެރެވޭގޮތް ނުވެ ހިފެހެއްޓިފައެވެ. އަދި ކުއްލި ގޮތަކަށް މިހާ ބޮޑު މިންވަރެއްގެ ގޭސް އެހެން މަސްދަރުތަކުން ހޯދުމަކީ ނާދިރު ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.


