އެމެރިކާ އަށް ސްވިޒަލެންޑު ވައިގެ ސަރަހައްދު މަނާކޮށް އަސްކަރީ ދެ ބޯޓު އަނބުރާ ފޮނުވާލައިފި
15 މާރިޗު 2026 - 09:30
އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ސްވިޒަލެންޑުގެ ވައިގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރުމަށް ހުށަހެޅި ދެ ހުށަހެޅުމަކަށް، އެ ގައުމުގެ ފެޑެރަލް ކައުންސިލުން އިންކާރުކޮށްފިކަން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.
މި ނިންމުން ނިންމާފައިވަނީ ސްވިޒަލެންޑުން ޒަމާނުއްސުރެ ގެންގުޅެމުންދާ ވަކި ފަރާތަކަށް ނުޖެހުމުގެ ހަރުކަށި ސިޔާސަތުގެ (Law of Neutrality) މައްޗަށް ބިނާކޮށްފައެވެ.

Ad by Hajj Corporation
ސްވިސް ސަރުކާރުގެ މި ނިންމުން އައިސްފައިވަނީ އެމެރިކާއާއި އިސްރާއީލް އިއްތިހާދުން އީރާނާ ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން އެޕިކް ފިއުރީ" ހަނގުރާމައަށް ތިން ހަފުތާ ވެފައިވަނިކޮށެވެ.
ސްވިޒަލެންޑުގެ ވެރިރަށް ބާން އިން ނެރުނު ބަޔާނުގައިވާ ގޮތުން، 15 މާރިޗު ވާ އާދިއްތަ ދުވަހު ދަތުރުކުރުމަށް އެމެރިކާއިން ހުށަހެޅި ފަސް ހުށަހެޅުމެއް ސްވިސް ސަރުކާރުން ވަނީ މުރާޖައާކޮށްފައެވެ. މީގެ ތެރެއިން ޖާސޫސީ މައުލޫމާތު އެއްކުރުމާއި ފާރަވެރިވުމަށް ބޭނުންކުރާ ދެ މަތިންދާބޯޓެއްގެ ދަތުރުތަކަށް ވަނީ ހުއްދަ ނުދީ، އެ ބޯޓުތައް އަނބުރާ ފޮނުވާލާފައެވެ.
ސްވިސް ކަމާބެހޭ ފަރާތްތަކުން ކަނޑައެޅި ގޮތުގައި، މި ދަތުރުތަކަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ އަސްކަރީ ހަރަކާތްތަކާ ސީދާ ގުޅުންހުރި ދަތުރުތަކެކެވެ.
ނަމަވެސް، މުދާ އުފުލާ ދެ ބޯޓަކަށާއި މަރާމާތާ ގުޅޭ ދަތުރަކަށް ސްވިޒަލެންޑުން ވަނީ ހުއްދަ ދީފައެވެ. އެއީ މި ދަތުރުތަކަކީ ހަނގުރާމައާ ގުޅުމެއް ނެތް، ނުވަތަ ހަނގުރާމައިގެ ނޫން ލޮޖިސްޓިކްސް ބޭނުންތަކަށް ކުރާ ދަތުރުތަކެއް ކަމަށް ބެލެވޭތީއެވެ.
ފެޑެރަލް ކައުންސިލުން ހާމަކުރި ގޮތުގައި، 28 ފެބުރުވަރީން ފެށިގެން އެމެރިކާ/އިސްރާއީލާއި އީރާނާ ދެމެދު އޮތީ ހަނގުރާމައިގެ ހާލަތެއްގައެވެ. ހޭގް ކޮންވެންޝަނާއި ސްވިޒަލެންޑުގެ ދާޚިލީ ގާނޫނުތަކުގެ ދަށުން، ވަކި ފަރާތަކަށް ނުޖެހޭ ގައުމުތަކުން ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުގެ އަސްކަރީ ވަސީލަތްތައް ހަނގުރާމައިގެ ބޭނުމަށް އެ ގައުމެއްގެ ސަރަހައްދު ހުރަސްކުރުން މަނާކުރަން ޖެހެއެވެ.
މި ފިޔަވަޅަކީ ދުނިޔޭގެ މަސްރަހު ބައިބައިވެފައިވާ ދަނޑިވަޅެއްގައި ސްވިޒަލެންޑުގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެއްކުމަށް އެޅި ވަރުގަދަ ފިޔަވަޅެކެވެ. ފަހަކަށް އައިސް ޔޫރަޕްގެ އިއްތިހާދުން އަޅާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތަކުގައި ސްވިޒަލެންޑުން ބައިވެރިވި ނަމަވެސް، މި ނިންމުމާއެކު އެ ގައުމުގެ "އަސްކަރީ މިނިވަންކަން" އަލުން ވަނީ ކަށަވަރުކޮށްދީފައެވެ.


