"ސެލްފް ޑިފެންސް" އަކީ މިއީބާ؟ އިރާނުގެ 150 އަށްވުރެ ގިނަ ސިއްހީ މަރުކަޒު ބޭނުން ނުކުރެވޭ ހާލަތުގައި
16 މާރިޗު 2026 - 06:28

އެމެރިކާއާ ގުޅިގެން ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި، އީރާނުގެ އެކި ސަރަޙައްދުތަކުގައި ހުރި 150 އަށް ވުރެ ގިނަ ސިއްހީ މަރުކަޒަކަށް ގެއްލުންތައް ލިބި، ސިއްޙީ ފަރުވާގެ ނިޒާމަށް ވަރަށް ބޮޑަށް ބުރޫއަރައިފިއެވެ.
އީރާނުގެ ތަސްނީމް ނޫހުން ބުނި ގޮތުގައި، އީރާނުގެ ސިއްޙީ ފަރުވާގެ ވިއުގައިގެ ތެރޭގައި ހިމެނޭ 153 ސިއްހީ މަރުކަޒަކަށް މިހާތަނަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އޭގެތެރޭގައި މެޑިކަލް ޔުނިވަރސިޓީތައް ވެސް ހިމެނޭކަމަށް އެ ނޫހުން ބުންޏެވެ.
މިގޮތުން، މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އީރާނުގެ ހުޅަނގުގައި ހުންނަ ކަރްމަންޝާ ޔުނިވަރސިޓީގެ އިތުރުން އަޞްފިހާނަށެވެ.
ސިއްހީ މަރުކަޒުތަކަށް އަމާޒުކޮށްދިން ޙަމަލާތަކުގައި މިހާތަނަށް 10 މީހުން ޝަހީދުވެ، 248 މީހުން ޒަޚަމްވެގެން ފަރުވާދެވިފައިވާކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނުގައި، އީރާނުގެ އިސް މުރުޝިދު އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމުން، އީރާނުން ވެސް ވަނީ އެޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ރައްދު ޙަމަލާދޭން ފަށާފައެވެ.
އީރާނުގެ އިތުރުން ޔަހޫދީން ދަނީ ލުބްނާނަށް ވެސް ހުއްޓުމެއްނެތި ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. ޔަހޫދީ ފައުޖުން ލުބްނާންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާދޭން ފަށާފައި ވަނީ، އީރާނަށް ވާގިވެރިވުމުގެ ގޮތުން ލުބްނާނުގެ މުޖާހިދުންގެ ޖަމާއަތް، ޙިޒްބުالله އިން ޔަހޫދީންނާ ދެކޮޅަށް ޙަމަލާދޭން ފެށުމުންނެވެ.
މިގޮތުން، އިއްޔެގެ ވަގުތެއްގައި ޔަހޫދީންގެ ނިރުބަވެރި ޙަމަލާއެއްގައި ލުބްނާނުގެ ބުރުޖް ޤަލަވިއްޔާ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިއްހީ ޚިދުމަތްތެރިން ޝަހީދުވެފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.


