އޮޅުވާނުލާ - ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން އަމަލު ކުރަނީ ރަނގަޅަށް: އޭޖީ
17 މާރިޗު 2026 - 15:06

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް އަމަލުކޮށްފައިވާނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިހެން ބުނީ އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ގާނޫނުން ތަސައްވުރުކުރާ އިޖުރާއަތާގުޅޭގޮތުން އާންމު ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަން ފާހަގަކޮށް ނެރުނު ބަޔާނެއްގައެވެ.

Ad by Hajj Corporation
އެ ބަޔާނުގައި ބުނެފައިވަނީ އޭޕްރިލް 4 ގައި ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކީ، ޤާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން 2026 ފެބްރުއަރީ 10 ގައި ފާސްކޮށްފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްޓަކައި ނަގާ ހިޔާލު ހޯދުމުގެ ވޯޓެއް ކަމަށެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކީ، ދެ މަގުސަދެއް ހާސިލްކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއްކަން ފާހަގަކޮށް އޭޖީ އޮފީހުން ބުނީ ފުރަތަމަ މަގުސަދަކީ، ރިޔާސީ އިންތިހާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުން ކަމަށެވެ. އަދި ދެވަނަ މަގުސަދަކީ، ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެންބަރު ގައި ފެށޭގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު 5 އަހަރު ދުވަހަށް ވުރެ ކުރުކުރުން ކަމަށެވެ.
މީގެއިތުރުން ގާނޫނުއަސާސީއިން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ގާނޫނުއަސާސީއަށް ގެންނަ ބައެއް އިސްލާހުތަކަކީ، ރައްޔިތުންގެ ބަހެއް ނެތި، ތަސްދީގުކޮށް އަމަލުކުރަންފެށޭނެ އިސްލާހުތަކެއް ނޫން ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ. އެގޮތުން، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރުމުން ކަމަށާ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިސްލާހުކުރާނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވާނީ، އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން އެ އިސްލާހެއް ގެނައުމަށް ފެންނަކަމުގައި ނިންމައިފިކަމަށްވާނަމަ ކަމަށް ބަޔާންކޮށްފައިވާކަން ވެސް އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މާއްދާއަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ބަދަލުކުރުމަށްޓަކައި، އިސްލާހު ކުރެވޭ މާއްދާއަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށްވާތީ، ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކޮށް އަމަލުކުރަން ފެށޭނީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ ރައްޔިތުންނަށް އެ ބިލު ތަސްދީގު ކުރަން ފެންނަނަމަ ކަމުގައި ވެސް އޭޖީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ލާޒިމުވާ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން އެކަން ކަނޑައަޅަންވާނެ ކަމަށާ އެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތާއި، އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ހިމަނަންވާނެކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު ގައި ބަޔާންކޮށްފައިވާއިރު މި އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން، 16 ފެބުރުވަރީ 2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގަރާރު ނެރުއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި އެކަށައަޅުއްވާފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.
އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ލާޒިމްކުރަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް އިސްލާހު ކުރުމަށްޓަކައި، ރައްޔިތުން ރުހޭތޯ ބެލުމަށް ވޯޓެއް ނެގުމަށް ކަމުން އަދި އެކަން ކުރުމުގެ އިޖުރާއަތު ބަޔާންކުރަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ކަމަށްވުމުން ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމާއި، ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ގާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިސްލާހުން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާހުކޮށް ތައާރަފުކުރާ އުސޫލަށް އަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލަކަށްވުމުން، ގާނޫނުއަސާސީއިން މިކަމާގުޅިގެން ތަސައްވުރުކުރާ ޝަރުތު ފުރިހަމަވީ ކަމަށް ބެލެވޭނެ ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
މިކަން މިނޫން ގޮތަކަށް މާނަކުރުމަކީ ގާނޫނީ އަދި ދުސްތޫރީ އުސޫލުތަކާ ތައާރަޒު ވާނެ ކަމެއް ކަމަށް ވެސް އޭޖީ ވަނީ ބުނެފައެވެ.


