ހަނގުރާމަ ނިންމާލުމަށް، އެމެރިކާ އާއި ޔަހޫދީންނަށް އީޔޫގެ ގޮވާލުމެއް
18 މާރިޗު 2026 - 07:02

އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނު ނިމުމަކަށް ގެނައުމަށް، ވިލާތުގެ ޤައުމުތަކުގެ އިއްތިހާދު، (އީޔޫ) އިން އެމެރިކާ އާއި ޔަހޫދީންނަށް ގޮވާލައިފިއެވެ.
މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މެދުއިރުމަތީގެ ޤައުމުތަކުގެ ސަރުކާރުތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށް އީޔޫގެ ޚާރިޖީ ވަޒީރު ކާޖާ ކެލަސް، ރޮއިޓާސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.
މީގެ އިތުރުން އެމެރިކާ އާއި ޔަހޫދީންގެ ޙަމަލާތަކުގެ ދިފާޢުގައި އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ތެލާއި ގޭސް އުފުލާ އުޅަނދުތަކަށް އަލުން ހުޅުވައިލުމުގައި އީޔޫގެ ބައިވެރިވުން އޮންނާނީ ޚާރިޖީ މަޝްވަރާގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ.
ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަސްކަރީ މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ކެލަސް ވަނީ ނުސީދާކޮށް ރައްދުދެއްވާފައެވެ. އެގޮތުން މި ހަނގުރާމަ ފެށުމުގެ ކުރިން އީޔޫގެ ޚިޔާލެއް ނުވަތަ މަޝްވަރާއެއް ހޯދާފައިނުވާއިރު، ހުރްމުޒް ކަނޑުއޮޅި ހުޅުވާލަން ނުރައްކަލެއްގެ ތެރެއަށް ވެއްޓެން އީޔޫން ބޭނުންނުވާކަމަށް ކެލަސް ވިދާޅުވިއެވެ.
ނަމަވެސް، މުޅި ދުނިޔެ ތެލާއި ކާބޯތަކެއްޗަށް ޖެހުމުގެ ކުރިން މި މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ބައެއް ނިންމުންތައް ޤަބޫލުކުރަން ދަތި ކަމަށާއި، ޚާއްޞަކޮށް އީރާނަށް ޙަމަލާދީގެން ޙާޞިލްކުރަން ބޭނުންވާ މަޤްޞަދު އެއްގޮތަކަށްވެސް ސާފުނުވާކަން ކެލަސް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި، ނަމަވެސް ހަނގުރާމައެއް ފެށޭހާ ފަސޭހައިން ނިންމުމަކީ އުނދަގޫކަމެއް ކަމަށެވެ.
ނަމަވެސް، ހުރިހާ ފަރާތްތަކަށް ވެސް ހަޖަމުކުރެވޭ ގޮތަކަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މެދުއިރުމަތީގެ ގިނަ ޤައުމުތަކާއެކު މަޝްވަރާތައް ކުރެވެމުންދާކަން އޭނާ ހާމަކުރެއްވިއެވެ.


