ހިޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް އެއްވެސް ކުއްޖަކު ނުބުނޭ: ފުލުހުން
18 މާރިޗު 2026 - 14:45

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައިވާ އަހްމަދު ހިޝާން އެއްވެސް ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރި ކަމަށް އެއްވެސް ކުއްޖަކު ބުނެފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އެ ޚިދުމަތުން މިހެން ބުނެފައި ވަނީ ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރު ހިޝާން ކުރި ސުވާލަކަށް ލިޔުމުން ދިން ޖަވާބުގައެވެ.

Ad by Hajj Corporation
ދިވެހި ފުލުހުންގެ ޚިދުމަތުން އޭނާއަށް ލިޔުމުން ދިން ޖަވާބުގައި ވަނީ ހިޝާން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ކުޑަކުއްޖަކު ވެސް އަދި އެއްވެސް ބެލެނިވެރިޔަކު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.
ހިޝާންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވޭތޯ ބެލިއިރު، އެފަދަ ގޯނާއެއް ލިބިފައިވާ ކަމަށް ތަހުގީގުގައި އެއްވެސް ކުއްޖަކު ބުނެފައިނުވާ ކަމަށް ވެސް އެ ޖަވާބުގައިވެއެވެ.
ހިޝާންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ދައުވާކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ، ޕީޖީގެ އޮފީހުންވެސް ވަނީ ދައުވާ ނުކުރަން ނިންމާފައެވެ.
އިޖުތިމާއީ ދާއިރާއިން ގައުމީ އިނާމު ވެސް ހާސިލް ކޮށްފައިވާ ހިޝާނަށް، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތު ފުރަތަމަ ކުރީ 2020 ވަނަ އަހަރު އެވެ. ބައެއް މީހުންނަށް ދިމާވި ކަންކަން ވެސް ސޯޝަލް މީޑިއާގައި އޭރު ހިއްސާކޮށް، އޭނާއާ ދެކޮޅަށް ބައެއް މީހުން ބަޔާން ވެސް ދިނެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު، އެޗްއާރުސީއެމްގެ ޑިސެބިލިޓީ އެމްބެސެޑަރުކަމުން ހިޝާން ވަކިކޮށް، ޕާސްޕޯޓު ވެސް ހިފެހެއްޓި އެވެ. އޭގެ ފަހުން، ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެ ދޫކޮށް ތުރުކީ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭގެ އަހަރުތަކެއް ފަހުން، މިދިޔަ މަހުގެ ފަހުކޮޅު ހިޝާން ވަނީ ރާއްޖެއަށް އައިސްފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކޮށް، މައްސަލަ ތަހުގީގު ކުރީ ނުހައްގުން ކަމަށް ބުނެ ބައެއް މީހުންނާ ބެހޭ ގޮތުން ބޮޑެތި ތުހުމަތުތައް ކޮށްފައިވެ އެވެ.


