ޚާރިޖީ ސިޔާސަތު ތަންފީޒު ކުރާނީ އެއްވެސް އެއްޗެއް ފޮރުވުމެއް ނެތި - މިނިސްޓަރ


10 އޮކްޓޯބަރު 2024 - 12:03
ޚާރިޖީ ސިޔާސަތު ތަންފީޒު ކުރާނީ އެއްވެސް އެއްޗެއް ފޮރުވުމެއް ނެތި ކަމަށާއި، އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.ވަޒީރު ޚަލީލު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ދަޢުލަތުގެ މީޑިޔާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްގެންދެވީ ހިތް ނިޔަތް ޚާލިސް ކުރައްވައިގެން ކަމަށާއި އެމަނިކުފާނު އެއްބަސްވެވަޑައިގަންނަވާ ކަމެއް ކުރައްވާނެކަން އިންޑިއާގެ ސަރުކާރުގެ ވެރިން މިއަދު ދަންނާނެކަމަށެވެ. އަދި ދެ ޤައުމުން ގުޅިގެން ކުރާ ކަންކަމަކީ ޤައުމަށާއި ރައްޔިތުންނަށްވެސް ފައިދާވާނެ ކަންތައްތަކެއް ކަމަށާއި ދެ ޤައުމުގެ ގުޅުމުގައި ފޮރުވަންވީ އެއްވެސް ކަމެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތްކޮށް، މަސައްކަތް ކުރަމުން އަންނަ ޤައުމުކަމަށާއި ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ބޮޑަށް އެހީތެރިވެދޭ ޤައުމު ކަމަަށެވެ. އެ މަސައްކަތުގައި ދެ ޤައުމުގެ ފަރާތުންވެސް ބޭނުންވަނީ އިޚްލާސްތެރިކަން ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.ޚާރިޖީ ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުތަކުން ކަންކަން ފޮރުވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލުނުކަމަށާއި ހުރިހާ މަޢުލޫމާތެއް ހާމަކުރެއްވުމަކީ އެ އިތުބާރު ހޯއްދެވުމަށް ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. މިއީ މި ސަރުކާރު އައިފަހުން ޚާރިޖީ ސިޔާސަތަށް އައި ވަރަށްބޮޑު ބަދަލެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.