ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޢީދު ސަލާން ކުރައްވައިފި
20 މާރިޗު 2026 - 08:07

ފިޠުރު ޢީދުގެ މުނާސަބަތުގައި، ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ބައްދަލުކުރައްވައި، ޢީދު ސަލާން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:00 އިން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ.

Ad by Hajj Corporation
މުލީއާގޭގައި ބޭއްވެވި ޢީދު ސަލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.
މިބޭފުޅުންގެ އިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތައް ޢީދު ސަލާން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ.
ޢީދު ދުވަހާ ގުޅިގެން، ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "ޢީދު ހަވީރު 1447"ގެ ހަރަކާތްތައް މިއަދު ހަވީރު 16:00 އިން 18:00އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ކުރިއަށް ދާނެއެވެ. "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުންވެސް ބައިވެރިވާނެއެވެ.


