ތަފާތު އެކި ހަރަކާތްތަކާއެކު "އީދު ހަވީރު 1447" ގައި އެމްއޭސީއެލް
19 މާރިޗު 2026 - 19:35

"ޢީދު ހަވީރު 1447"ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އިން ބައިވެރިވާނެކަން ހާމަކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނީ މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ނިޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ވިލަރެސްކޮށް ކުރިއަށް ގެންދާ އެ ހަރަކާތުގައި އެ ކުންފުނިން ބައިވެރިވާނެ ކަމަށެވެ.

Ad by Hajj Corporation
އެގޮތުން 20 މާރިޗު 2026 ވާ ހުކުރު ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ޢީދު ހަވީރު 1447" ފެސްޓިވަލްގައި އެމް.އޭ.ސީ.އެލް އިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އިންތިޒާމްކުރެވިފައިވާ ކަަމަށާއި އެމް.އޭ.ސީ.އެލްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެެ. އެމް.އޭސީ.އެލްގެ ސްޓޯލް ޤާއިމްކުރެވިފައި ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގައި ކަމަށް ވެސް ބުނެއެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދާނީ ފިޠުރު ޢީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން 6.00 އަށެވެ. މިއީ މިފަދަ ޚާއްޞަ މުނާސަބަތުތަކުގައި ރައްޔިތުންނަށް އުފާވެރި އަދި ޢާއިލާތަކަށް މާނަހުރި ވަގުތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި އެމް.އޭ.ސީ.އެލްއިން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކެކެވެ.
މިއީ ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޒޫޓޯޕިއާ" ތީމްގެ ކުޅިވަރު ސަރަހައްދެކެވެ. މި ސަރަހައްދުގައި ޒޫޓޯޕިއާގެ ކެރެކްޓަރ މެސްކޮޓްތައް ސްޓޯލް ކުރިއަށްދާ ވަގުތު ހަރަކާތްތެރިވަމުން ދާނެއެވެ. މި ސްޓޯލްގެ އެންމެ ޚާއްޞަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރުކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) އެވެ. މީގެ އިތުރުން، "އެކްސް ތްރޯއިންގ" (ކޮޅުފިލި އުކުން)، "ރެކިންގ ބޯލް"، އަދި "ޝޫޓް ޔޯ ޝޮޓް" ފަދަ ހުރިހާ އުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.
ޢީދަކީ އެއްބައިވަންތަކަމާއި އުފާވެރިކަމުގެ މުނާސަބަތަކަށް ވާއިރު، އެމް.އޭ.ސީ.އެލްގެ އަމާޒަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ދެމިއޮތުމެވެ.


