ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ސީދާ ބަހަން ސަރުކާރުން އާ ކުންފުންޏެއް ހަދައިފި
9 ނޮވެމްބަރު 2026 - 10:52

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ އިޤްތިޞާދީ މަންފާތައް އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)" ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 2023/7) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/19 އިންނެވެ. މިއީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ގޮތަށް އުފެއްދެވި ކުންފުންޏެކެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނަންއޮތް ޖީލުތަކަށް އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދޭނެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމެވެ. މީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްޤީކޮށް، ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުން މި މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މިފަދަ ނިޒާމެއް ޤާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ އިޢުލާންކުރެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ހަމަހަމަކަމާއެކު ޖަމާކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރަކީ ކޮންމެ ދިވެހި ރައްޔިތެއް ކަމުގައި ޤާނޫނަކުން ކަނޑައަޅުއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ކުރިން ވަނީ ވިދާޅުވެފައެވެ.

-01.jpg&w=3840&q=75)
