ވީރާނާވާން ދޫކޮށްލި އިމާރާތް ބޮޑު ހޮޓަލަކަށް: "ރައީސް ސާބިތުކޮށްދެއްވީ ގައުމުދެކެ ލޯބިވާކަން"
8 ނޮވެމްބަރު 2026 - 12:10

އެތައް އަހަރެއް ވަންދެން މަސައްކަތް ހުއްޓި، ވީރާނާވާން ދޫކޮށްލާފައި ހުރި ސިޓީ ހޮޓާ އިމާރާތް ނިންމައި "މަންހަޓަން ގްރޭންޑް ހޮޓާ" ގެ ނަމުގައި ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާ މެދު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ނަތީޖާ ކަމަށާއި، އެމަނިކުފާނު ސާބިތުކޮށްދެއްވީ ޤައުމުދެކެ ލޯބިވާކަން ކަމަށް އެ ހޮޓަލުގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޢީމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވި މި ހޮޓަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިބްރާހިމް ނަޢީމް ވިދާޅުވީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިން ތަރައްގީކުރަން މަސައްކަތްކުރި މި އިމާރާތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމުން، އެތަން ނިންމުމަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ. އެގޮތުން މަސައްކަތް ކުރިއަށް ގެންދިއުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުއްވުމުން، އެމަނިކުފާނު އެ ސިޓީ ބަލައިގަނެ، މި މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު ދެއްވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ނަޢީމް ވިދާޅުވީ އަމިއްލަ އެއްވެސް މަސްލަހަތެއް ނެތި، ގައުމީ ތަރައްގީއަށް އިސްކަންދެއްވައިގެން ރައީސުލްޖުމްހޫރިއްޔާ ނިންމެވި މި ނިންމެވުމުން އެމަނިކުފާނަކީ ގައުމުދެކެ ލޯބިވާ ވެރިއެއްކަން ސާބިތުވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފާވި އަޅުގަނޑު ނުދަންނަ ބޭފުޅެއް. އަޅުގަނޑު އެއްގޮތަކަށްވެސް އެޕްރޯޗު ނުކުރާ ބޭފުޅެއް މިކަހަލަ މުހިންމު ނިންމުމެއް ނިންމެވީމަ އަޅުގަނޑަށް ގަބޫލުކުރެވިއްޖެ ޤައުމުދެކެ ލޯބިވާ ވެރިޔެކޭ އެއީ،" އިބްރާހިމް ނަޢީމް ވިދާޅުވިއެވެ.
މި ހޮޓަލުގެ މަސައްކަތް އެސްޓީއޯއިން ފުރަތަމަ ފެށީ 2008 ވަނަ އަހަރު އެމެރިކާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެ ކުންފުންޏަށް އަމަލީ މަސައްކަތް ފެށުނީ އޭގެ ދެ އަހަރު ފަހުން ކަމަށްވާއިރު، އޭގެ ފަހުން ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް އެއްކޮށް ހުއްޓިފައި އޮތެވެ. އެތަނުގެ މަސައްކަތް އަލުން ފެށުނީ އެސްޓީއޯއާއެކު ސެޓްލްމެންޓް އެގްރީމެންޓެއް ހެދުމަށްފަހު، މިދިޔަ އަހަރުގެ މެއި މަހުގެ ކުރީކޮޅު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވޯލްޑް އޮފް ބިޒްނަސްއާ އެތަން ހަވާލުކުރުމުންނެވެ.
މަންހަޓަން ގްރޭންޑް ހޮޓާ ހިންގުމަށް ހަމަޖެހިފައިވަނީ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓާއެކުގައެވެ. މި މަޝްރޫއުގެ ބޭރުގެ އިންވެސްޓަރަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ "ޑީޕް ސީފުޑް ކޮމްޕެނީ" އެވެ.
ޒަމާނީ ވަސީލަތްތަކާއެކު 162 ކޮޓަރި
މި ހޮޓަލުގައި އަށް ކެޓަގަރީއަކަށް ބަހާލެވިފައިވާ ޖުމްލަ 162 ކޮޓަރި ހިމެނެއެވެ. އޭގެ ތެރޭގައި ސްޓޭންޑަޑް ކިންގް ސިޓީ ވިއު، ސްޓޭންޑަޑް ކިންގް ޕާޝަލް ސީ ވިއު، ސްޓޭންޑަޑް ޓްވިން ޕާޝަލް ސީ ވިއު، ސްޓޭންޑަޑް ކިންގް ސީ ވިއު، ސްޓޭންޑަޑް ޓްވިން ސީ ވިއު، ޑިލަކްސް ސިޓީ ވިއު، ޑިލަކްސް ސީ ވިއު އަދި ޖޫނިއާ ސުއިޓް ހިމެނެއެވެ. ހުރިހާ ކޮޓަރިއަކީ ވެސް ގުދުރަތީ އަލިކަން ލިބޭ ބޮޑެތި ކުޑަދޮރުތަކާއެކު، ކަނޑުގެ ނުވަތަ ސިޓީގެ ހިތްގައިމު މަންޒަރު ފެންނާނެހެން ފަރުމާކޮށްފައިވާ ތަންތަނެވެ.
މީގެ އިތުރުން ހޮޓަލުގައި ސްޕާ އަދި ވެލްނަސް ޚިދުމަތްތަކާއެކު ކެއިންބުއިމަށް ޚާއްސަ ހަތަރު ތަނެއް ހުރެއެވެ. އޭގެ ތެރޭގައި ތާޒާ ކަނޑުމަހުގެ ބާވަތްތައް ލިބޭނެ "ވޯލްޑް އޮފް ސީފުޑް" ކޮންސެޕްޓް ހިމެނެއެވެ. އަދި ބޮޑެތި އިވެންޓްތަކާއި ޕާޓީތަކަށް ޚާއްސަކޮށްގެން 700 އަކަމީޓަރުގެ ދެ ޓެރަސް އިވެންޓް ހޯލާއި، ޒަމާނީ އޯޑިއޯވިޝުއަލް ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ މީޓިންގ ރޫމްތައް ވެސް ވަނީ ގާއިމުކޮށްފައެވެ.

-01.jpg&w=3840&q=75)
