ޖެހިޖެހިގެން 4 މެޗުން ޗެލްސީ ބަލިވެ ލީގުގެ ގަދަ ހަތަރެއްގެ ދަތުރަށް އިތުރު ހުރަސްތަކެއް
22 މާރިޗު 2026 - 03:55

ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި ބެޓޯ ދެއްކި މޮޅު ކުޅުމާއެކު 3-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް، އެވަޓަންއިން ޔޫރަޕްގެ މުބާރާތްތަކަށް ކޮލިފައިވުމުގެ އުންމީދު އާކޮށްފިއެވެ. މި މެޗުގައި ބެޓޯ ވަނީ ދެ ލަނޑު ޖަހައި، އެއް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ހޮނިހިރު ދުވަހު ކުޅުނު މި މެޗުން މޮޅުވުމާއެކު އެވަޓަން ވަނީ ޕްރިމިއާ ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އަދި ލިއަމް ރޮސެނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޗެލްސީއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ވަނީ ކުޑަވެފައެވެ. މިއީ ޗެލްސީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެކެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ފެނިގެންދިޔައީ ޖޭމްސް ގާނާ ދިން ރީތި ތުރޫ-ޕާހަކުން ބެޓޯ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ ވަނީ ޗެލްސީގެ ގޯލްކީޕަރު ރޮބާޓް ސަންޗޭޒްގެ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މެޗުގެ ދެވަނަ ހާފުގައި އެވަޓަންގެ ދެވަނަ ލަނޑުވެސް ޖެހީ ބެޓޯއެވެ. މިއީ ސަންޗޭޒްއަށް ހެދުނު ގޯހަކުން އޭނާގެ ފައިދަށުން ދިޔަ ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.
ޗެލްސީއަށް ލަނޑެއް ޖަހައިދިނުމަށް އެންޒޯ ފެނާންޑޭޒް ކުރި ދެ މަސައްކަތެއް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އެސްޓެވާއޯ ފޮނުވާލި ކޯނަރެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައިވާއިރު، އެވަޓަންގެ ތިންވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިލިމާން އެންޑިއާއިއެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް ބެޓޯއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ބެޓޯއަކީ ހިލް ޑިކިންސަން ސްޓޭޑިއަމްގައި އެވަޓަންއަށް ޕްރިމިއާ ލީގު މެޗެއްގައި ދެ ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއެވެ. އަދި މިއީ 2022 ވަނަ އަހަރުގެ ފަހުން އެއް މެޗެއްގައި އޭނާ ތިން ލަނޑުގައި (ލަނޑާއި އެސިސްޓް ހިމެނޭހެން) ބައިވެރިވި ފުރަތަމަ ފަހަރެވެ.
އަނެއްކޮޅުން ޗެލްސީއަށް މިއީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. އަދި ފާއިތުވި ތިން މެޗުގައި އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިއީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ލަނޑެއް ނުޖެހި ޖެހިޖެހިގެން ތިން މެޗު ޗެލްސީން ނިންމާލި ފުރަތަމަ ފަހަރެވެ


