އިސްރާއީލް ބިރުން ހުރިހާ ސްކޫލްތަކެއް ބަންދުކޮށް ގިނަ ފިޔަވަޅުތަކެއް އަޅައިފި
22 މާރިޗު 2026 - 04:20

އީރާނުން ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން ބިރުގަނެ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އިސްރާއީލުގެ ހުރިހާ ސްކޫލްތަކެއް ބަންދުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އިސްރާއީލުގެ އެޑިއުކޭޝަން މިނިސްޓަރު ޔޯވް ކިޝް ވަނީ މާރިޗު 22 ވާ އާދީއްތަ ދުވަހާއި މާރިޗު 23 ވާ ހޯމަ ދުވަހު ގައުމީ ފެންވަރުގައި ހުރިހާ ތައުލީމީ މުއައްސަސާތަކެއް ބަންދުވާނެކަން ރަސްމީކޮށް އިޢުލާނުކުރައްވާފައެވެ.

Ad by Hajj Corporation
މީގެ އިތުރުން ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ހެލްތު މިނިސްޓްރީން ވަނީ މުޅި ގައުމުގެ ސިއްހީ ނިޒާމު ކުއްލި ހާލަތަކަށް ގެނެސްފައެވެ. މިގޮތުން، އިސްރާއީލުގެ މެދުތެރެއާއި ދެކުނުގެ ހުރިހާ ހޮސްޕިޓަލްތަކެއް މިހާރު ވަނީ "ފުލް އިމަޖެންސީ މޯޑް" އަށް ބަދަލުކޮށްފައެވެ.
ބާރުބޮޑުވެފައިވާ ސޮރޯކާ މެޑިކަލް ސެންޓަރުގައި ތިބި ބަލިމީހުން ރައްކާތެރިކަމާއެކު ގައުމުގެ މެދުތެރޭގެ ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
މާރިޗު 21، 2026 ވާ ހޮނިހިރު ދުވަހު އިސްރާއީލުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަރާދަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއާ ގުޅިގެން އެ ސިޓީގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ. މި ހަމަލާގައި މިހާތަނަށް މަދުވެގެން 8 މީހުން މަރުވެފައިވާއިރު، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
އާންމުން ދިރިއުޅޭ ސަރަހައްދަކަށް އެރި މި ބަރު ބެލިސްޓިކް މިސައިލްގެ ސަބަބުން ހަތަރު އިމާރާތެއް އެއްކޮށް ބިމާހަމަވެ، އިތުރު ނުވަ އިމާރާތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ހަމަލާއާއެކު އެ ސަރަހައްދުގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާއިރު، މަންޒަރު ދުށް މީހުން އެ ސަރަހައްދު ސިފަކުރީ "ބޮޑު ކާރިސާއެއްގެ މަންޒަރު" ގެ ގޮތުގައެވެ.
މިވަގުތު އައި.ޑީ.އެފްގެ ހޯމް ފްރަންޓް ކޮމާންޑާއި ހާއްސަ ރެސްކިއު ޔުނިޓްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، އިމާރާތްތަކުގެ ދަށުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މެދުނުކެނޑި ދަނީ ކުރިއަށެވެ.


