ބޯހިޔާވަހިކަމުގެ ބޮޑު މަސައްކަތެއްގައި ބައިވެރިވީ މަންފާއަކަށް ނޫން: ޝަރީފް
22 މާރިޗު 2026 - 06:32

ބޯހިޔާވަހިކަމުގެ ބޮޑު މަސައްކަތެއްގައިބީއެމްއެލް އިން ބައިވެރިވާން ނިންމި ނިންމުމަކީ ހަމައެކަނި މަންފާއެއް ހޯދުމަށް ކުރާ މަސައްކަތެއް ނޫން ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން ހުޅުމާލޭގައި ތަރައްގީކުރާ 1,224 އެފޯޑަބަލް ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ އޭގެ ބަދަލުގައި މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމުގައި ބޭންކުގެ ޙިއްސާ އިތުރުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

Ad by Hajj Corporation
އަމާޒަކީ ރާއްޖޭގެ ތަރައްގީއަށާއި، ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރުން ކުރާ ކަންކަމުގައި ބައިވެރިވުން ކަމަށާއި ބިންގާ އެޅިގެން ދިޔަ ލީސް ޓު އޯން މޮޑެލްއަށް ގެންދާ މަޝްރޫއަކީ ބީއެމްއެލް މެދުވެރިކޮށް އެ މޮޑެލްއަށް ގެންދާ ފުރަތަމަ މަޝްރޫއު ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއީ އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދައްކަން ނުޖެހި، އާއިލާތަކަށް ފަސޭހައިން އަދާކުރެވޭ ހެޔޮ އަގެއްގައި މަހުން މަހަށް ފައިސާ ދައްކަން ޖެހޭގޮތަށް ހަދާ ހައުސިން ޔުނިޓުތަކެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހީންގެ ބޭންކުގެ ސީއީއޯ ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ "ހިޔާވެހި" ސްކީމްގެ ދަށުން ދޫކުރާ މާލީ އެހީގައި، އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ އިންސައްތަ %20 އިން %5 އަށް މިހާރު ކުޑަކޮށްފައިވާ ކަމަށެވެ. މި ސްކީމްގެ ދަށުން ވަކިވަކި ފަރުދުންނަށް 3 މިލިއަން ރުފިޔާއާ ހަމައަށް ލުއި ލޯނު ދޫކުރާއިރު، މިހާތަނަށް ޖުމްލަ 2.1 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން މާލޭ ސަރަހައްދުގައި ޖުމުލަ 3،000 ހައުސިން ޔުނިޓު ހެދުމަށްވަނީ ހަމަޖެހިފައެވެ. މި ހައުސިން ޔުނިޓް ހެދުމަށް ބޭނުންވާ ބިން، ހައުސިން މިނިސްޓްރީން ވަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏާ ހަވާލުކޮށްފައެވެ.


