މާލެއަށް އެންމެ ރަނގަޅީ ސަރުކާރާ ގުޅިފައިވާ މޭޔަރެއް: ސަރަނގު އާދަމް މަނިކު
22 މާރިޗު 2026 - 10:13

މާލެއަށް އެންމެ ރަނގަޅީ ސަރުކާރާ ގުޅިފައިވާ މޭޔަރެއް ކަމުގައި މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގައި ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާޢީދުކުރައްވާކަން މިއަދު ހާމަކުރައްވަމުންނެވެ.

Ad by Hajj Corporation
ސަރަނގު އާދަމް މަނިކު ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓަށް ތާޢީދުކުރައްވަން ނިންމެވީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމަށެވެ. އަދި ސަރުކާރާ ދެކޮޅު ޕާޓީއެއްގެ މޭޔަރެއް ހުރީމާ މާލެއަށް ކަމެއް ނުކުރެވުމުގެ ގެއްލުންވަނީ މާލެއަށް ކަމަށެވެ.
މީގެއިތުރުން ބޯހިޔާވަހިކަމާއި މަގުތަކުގެ މައްސަލައާއި ރޭގަނޑުގެ އަމާންކަން ފަދަ ޒަމާންވީ މައްސަލަތައް ހައްލުކުރެވޭނީ ސަރުކާރާ ގުޅިފައި އޮންނަ ކައުންސިލަކާއި މޭޔަރެއް ހުރެގެންކަން ފާހަގަކުރެއްވިއެވެ. އަދި މޫސާ އަލީ ޖަލީލަކީ މިލިޓަރީ ޕްރޮޑަކްޓެއް ކަމަށާއި އެހެންވީމަ ޑިސިޕްލިން ހުންނާނެކަން ވެސް ފާހަގަކުރެއްވިއެވެ.
ސަރަނގު އާދަމް މަނިކު އިތުރަށް ވިދާޅުވީ ޕީއެންސީ އިން މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓަކީ ފޯކަސް ކޮށްފަ، އަމާޒެއް ދެއްކީމަ ގޯޅި ނާޅާ ހިނގަން އެނގޭނެ ފަރާތެއް ކަމަށެވެ. އަދި ޖަލީލާ ގުޅޭ ގޮތުން ކޮރަޕްޝަންގެ ވާހަކައެއް ދުވަހަކު ވެސް އައްސަވާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ކުރީގެ މޭޔަރުންނަށް ބަލާއިރު ވެސް ސިޓީ ކައުންސިލަކުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލެއް ނުކުރެވޭނެ ކަމަށާއި އެކަން ކުރެވެނީ ސަރުކާރަށް ކަމަށް ވެސް ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ. އަދި"މޫސާ ޖަލީލަށް ދެއްވާ ވޯޓަކީ މާލެއަށް ދެއްވާ ވޯޓެއްކަން ވަނީ ފާހަގަކުރައްވާފައެވެ.


