ޕީއެންސީގެ ދާއިރާތަކުގެ އެތެރޭގެ އިންތިހާބު މާދަމާ ބާއްވަނީ
10 ޖުލައި 2026 - 11:39

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބު މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ދާއިރާތަކުގެ އިސް މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.

Ad by Hajj Corporation
މި އިންތިހާބުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕާޓީގެ ހިންގާ ކޮމިޓީތަކުގެ އިސް މަގާމުތަކަށް މީހުން ހޮވުމެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މެންބަރަކު ނެތް ދާއިރާތަކަށް ރައީސުން ހޮވުމާއި، މަޖިލިސް މެންބަރުން ތިއްބެވި ދާއިރާތަކަށް ނައިބު ރައީސުން އިންތިހާބުކުރުން ހިމެނެއެވެ.
ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި، މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މަގާމުތަކަށް ވާދަވެރިކަން އޮތް 131 ރަށެއްގެ ދާއިރާގައެވެ. މިއީ ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ސަރަހައްދުތަކެވެ. މި އިންތިހާބުގެ ޒަރީއާއިން ޕާޓީގެ އެކި ފަންތީގެ 2،000 އަށްވުރެ ގިނަ މަގާމުތަކަށް މީހުން ހޮވިގެންދާނެއެވެ.
ވޯޓުލާ ދުވަސް ގާތްވަމުން އަންނައިރު، ޕާޓީގެ އެތެރޭގައި އިންތިހާބުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އަދި އިންތިހާބަށް ތައްޔާރުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ޕާޓީގެ ފަރާތުން ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.


