ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު، އަންނަ މަހު ބާއްވަން ނިންމައިފި
15 ޖޫން 2026 - 13:15

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބު، އަންނަ މަހު ބޭއްވުމަށް ނިންމައިފިއެވެ.
ޖޫން 15 ވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީގެ ދާއިރާތަކަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް އެ ޕާޓީގެ މަތީ މަޖިލީސް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ކުރިން ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ.
މީގެއިތުރުން ޕީއެންސީގެ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގައި ދެމިތިބި މެމްބަރުންނަށްކަމަށާއި ޕާޓީގެ ދާއިރާތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލެވޭނީ ވެސް ޖޫން 15 އާ ހަމައަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށްކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation
ޢަބްދުއްރަހީމް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމާއެކު ޖުލައި 1 ވަނަ ދުވަހު ވަގުތީ ވޯޓާސް ލިސްޓް އިއުލާނުކުރާނެ ކަމަށާއި ތިން ދުވަހުގެ މުއްދަތެއް ޝަކުވާ ހުށަހަޅަން ދިނުމަށް ފަހު، ޖުލައި މަހުގެ 4 ވަނަ ދުވަހު ދާއިމީ ލިސްޓު އާއްމުކުރާނެ ކަމަށެވެ. އަދި
ޕީއެންސީގެ ހިންގާ ޤަވާއިދު އޮތްގޮތުން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިއްބެވި މެމްބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އެ ޕާޓީގެ ދާއިރާތަކުގެ ރައީސުން އިންތިހާބުކުރާނީ އެ ޕާޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ނެތް ދާއިރާތަކުގައި އެކަންޏެވެ.
މަޖިލީހުގެ މެމްބަރެއް ކަމުގައި ވީނަމަވެސް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރުމާއި، މެމްބަރެއްގެ އަމަލުތަކުގެ ސަބަބުން ޕާޓީ އަށް ގެއްލުންވާ ހާލަތުގައި، އެފަދަ މެމްބަރުން ދާއިރާގެ ރައީސްކަމުން ވަކިކުރުމަކީ ޕާޓީގެ ހިންގާ ގަވާއިދުން، ޕާޓީގެ ލީޑާޝިޕަށް ލިބިދީފައިވާ ބާރެކެވެ. ޕީއެންސީ އިން ވަނީ އެފަދަ ހާލަތެއްގައި މެމްބަރަކު ވަކިކޮށްފައިވާނަމަ އެ ދާއިރާ އަކަށް މީހުން އިންތިޚާބުކުރުންވެސް ޖުލައި 11 ވަނަ ދުވަހު ކުރިއަށް ދާނެކަން ހާމަކޮށްފައެވެެ.
ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި، އިންތިޚާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާ އާއި ޒުވާނުންގެ ހަރަކާތުގެ ރައީސާ އަދި ސްޓިއަރިން ކޮމިޓީގެ ރައީސްއެވެ. އެ އިންތިޚާބަށް ކުރިމަތިލެވޭނީ އެކަމަށްޓަކާ އެކުލަވާލާފައިވާ ޚާއްސަ ޕޯޓަލްއަކުންނެވެ.


