އަހަރުގެ ކޮންމެ ހިސާބެއްގައިވެސް ޢުމްރާއަށް މީހުން ގެންދިއުމަށް ހުށަހެޅޭނެ
10 އޮކްޓޯބަރު 2024 - 12:21

އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް އުމްރާއަށް މީހުން ގެންދިއުމަށް އެދި ހުށަހެޅޭނެ ގޮތަށް އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށް ބަދަލު ގެނެސްފި އެވެ.
މީގެކުރިން އަމަލުކުރި އުސޫލުގައިވާ ގޮތުން އުމްރާއަށް މީހުން ގެންދިއުމުގެ ހިދުމަތް ދިނުމަށް ޕްރޮޕޯސަލް ހުށަހެޅެނީ އެކަމަށް އިއުލާނު ކުރުމުން އެކަންޏެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަމަލު ކުރަން ފެށި އެ ގަވާއިދުގެ ދަށުން މިނިސްޓްރީން ދިޔައީ އުމްރާއަށް މީހުން ގެންދާނެ ފަރާތްތައް ހޯދުމަށް އަހަރަކު ދެ ފަހަރު އިއުލާނު ކުރަމުންނެވެ. އެހެންނަމަވެސް އަލަށް ގެޒެޓުކުރި އުސޫލުގެ ދަށުން އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައެޅޭނެ އެވެ.

Ad by Hajj Corporation
ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ އާ އުސޫލެއް އިސްލާމިކް މިނިސްޓްރީން ގެޒެޓުކޮށްފައި ވަނީ އިއްޔެ އެވެ. އެ މިނިސްޓްރީން ބުނީ އާންމުކުރި އާ އުސޫލާ އެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ގްރޫޕުތަކަށާއި އާންމުންނަށް ރައްކާތެރިކަމާއި ފަސޭހަކަން އިތުރަށް ކަށަވަރުވާނެ ކަމަށެވެ.
މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދާ ޖަމާއަތްތަކުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް، އުމްރާއަށް މީހުން ގެންދިއުމާ ގުޅޭ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ވެސް ވަނީ ހިމަނާފަ އެވެ. އެގޮތުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 1،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި ނުވަތަ ހުއްދަ އާ ނުކުރަނީސް އެފަދަ ހިދުމަތެއް ދީފިނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.