logo
Bank of Maldives

Bank of Maldives

ވިޔަފާރި

ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސަންސް ހޯދަނީ

އިސްމާޢިލް ރާތިޢު
25 މާރިޗު 2026 - 03:56
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ، މުޙައްމަދު ޝަރީފް- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ، މުޙައްމަދު ޝަރީފް- ފޮޓޯ: ބީއެމްއެލް

ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެކަމަށް ބޭނުންވާ ލައިސެންސް ހޯދަން މިހާރު އެދިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވަނީ، ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަށް ލައިސަންސް ހޯދަން އެގައުމުގެ ސެންޓްރަލް ބޭންކަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން ބޭރުގައި ބޭންކެއްގެ ބްރާންޗެއް ހުޅުވޭއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ، ލަންކާގެ އިތުރުން އެހެން ހިސާބުތަކުގައި ވެސް ބީއެމްއެލްގެ ބްރާންޗްތައް ހުޅުވާއިރު ބޭންކުގެ ރައުސުލްމާލު ރަނގަޅުވާންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ބޭންކުގެ ކެޕިޓަލް މިހާރު 16 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް ރާއްޖޭން ބޭރުގައި ބްރާންޗެއް ހުޅުވާއިރު ކެޕިޓަލް އެއަށްވުރެ ވެސް ރަނގަޅުވާން ޖެހޭކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، އައްޑޫއާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ 18 އަތޮޅެއްގައި ބީއެމްއެލްގެ 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރުގެ ޚިދުމަތްދެމުންދެއެވެ.

ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ނިމިދިޔަ އަހަރުވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ އިތުރުން އަތޮޅުތަކުގައި އެ ބޭންކުގެ ބްރާންޗްތައް ގާއިމްކުރުމަށްވެސް ނިމިދިޔަ އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

2025 ވަނަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބެންކަށް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %9.8 ގެ ކުރިއެރުމެކެވެ. ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިޤްތިޞާދުގެ މުހިންމު ސިނާޢަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރުކަމަށް އެބޭންކުން ވިދާޅުވިއެވެ.

މީގެއިތުރުން، ވޭތުވެ ދިޔަ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ %16 އިތުރުވެފައިވެއެވެ. މިއީ ބޭންކުގެ ޚިދުމަތްތަކަށް އޮތް އިތުބާރާއި ޚިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެއްކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެއް :އައުޝަން ވިޔަފާރި | ގަޑިއިރެއް ކުރިންބީއެމްއެލްއިން ހިއްސާތަކަށް ގެންނަ ބަދަލަކީ ހިއްސާގެ ބާޒާރަށް ލިބޭނެ އިތުރު ފުރިހަމަކަމެއް: ސީއެމްޑީއޭގެ ސީއީއޯ ވިޔަފާރި | ގަޑިއިރެއް ކުރިންލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސަންސް ހޯދަނީވިޔަފާރި | 3 ގަޑިއިރު ކުރިންބޯހިޔާވަހިކަމުގެ ބޮޑު މަސައްކަތެއްގައި ބައިވެރިވީ މަންފާއަކަށް ނޫން: ޝަރީފްވިޔަފާރި | 3 ދުވަސް ކުރިން