logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެއް :އައުޝަން

އިސްމާޢިލް ރާތިޢު
25 މާރިޗު 2026 - 05:53
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް- ފޮޓޯ: ޕީއެސްއެމް
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް- ފޮޓޯ: ޕީއެސްއެމް

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ރަނގަޅު ފުރުސަތެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަމުން އައުޝަން ވިދާޅުވީ އާންމުކޮށް ރާއްޖޭގެ ހިއްސާ ބާޒާރުގައި އެހެން ލިސްޓެޑް ކުންފުނިތަކުގެ ހިއްސާގެ އަގުތައް މިއުޅޭނީ ގާތްގަނޑަކަށް 40ރ އާއި 150 ރ އާއި ދެމުދުގަ ކަމަށާއި ބީއެމްއެލްގެ ހިއްސާއެއް އުޅޭނީ ގާތްގަނޑަކަށް 800ރ އަށް ކަމަށާއި އެހެންކަމުން އަލަށް ހިއްސާ ގަންނަން ބޭނުންވާ ޒުވާނަކަށް މިއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ. އެހެންނަމަވެސް މި ބަދަލާއި އެކީގައި އަލަށް ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އައުޝަން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައުޝަން ވިދާޅުވީ ހިއްސާގެ ބާޒާރުގައި ޒުވާނުންގެ ދައުރުފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ޓްރޭޑިންގއާއި ގުޅޭ ހުރިހާ ކަމެއް ވާނީ އޮންލައިން ކުރެވިފައެވެ. އަދި ހިއްސާ ގަނެވިއްކޭ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ 'އިންފިނިޓީ' އެޕް ނިންމުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ. އަދި މި ދާއިރާއިން ޒުވާނުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

'އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ލިބިފަހުރި އަދި މާކެޓަށް އިތުބާރު އޮތް ޒުވާން އިންވެސްޓަރުންގެ ޖީލެއް އުފެދިގެން އަސްލު މި މާކެޓް ކުރިއަށްއޮތްތަނުގައި ފުޅާ ކުރެވޭނީ" އައުޝަން ވިދާޅުވިއެވެ.

އައުޝަން ވިދާޅުވީ ރިސޯޓް ނުވަތަ ގެސްޓްހައުސް ލިސްޓްކޮށް ޑޮލަރުން ހިއްސާދާރުންނަށް އާމްދަނީ ލިބޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށެވެ. އަދި ބީއެމްއެލްގެ މިސާލު ދައްކަވަމުން އައުޝަން ވިދާޅުވީ ލިސްޓްކޮށްފައިވާ ކުންފުނިތަކުން ވެސް ހިއްސާ އަށް މިފަދަ ފަހި ބަދަލުތަކެއް ގެނައުމަކީ މުހިއްމުކަމެއް ކަމަށެވެ.

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލު

1.     ހިއްސާދާރުންގެ އަތުގައި 'ރެކޯޑް ޑޭޓް' ( 18 މާރިޗު 2026) އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާ ގެ ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން ވަނީ އާންމު ޖަލްސާއަށް ހުށަހަޅާފަ. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުން. މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެ. އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެ.

2.   1 އިޒްޓު 10  ރޭޝިއޯ އިން ހިއްސާ ބައިކުރުން. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް ހިއްސާއަކަށްޖެހޭ އަގު ދަށްކުރުން.

މި ރޭޝިއޯއިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ. އެހެންކަމުން މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހަކަށް ޖުމްލަ 3000 ހިއްސާ ލިބޭނެ.

 

އެއާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެ. މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެ.

 ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކަކީ

·        އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން

·        ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން

·        މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުން

·        މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން

ހިއްސާގެ އަގު ކުޑަވުމާއެކު މާކެޓުގައި އިންވެސްޓްރުންނަށް ބައިވެރިވުމަށް ހިތްވަރުދެވި، ލިކުއިޑިޓީ އަދި ޓްރޭޑިންގ ހަރަކާތްތައް އިތުރުވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެއް :އައުޝަން ވިޔަފާރި | 2 ގަޑިއިރު ކުރިންބީއެމްއެލްއިން ހިއްސާތަކަށް ގެންނަ ބަދަލަކީ ހިއްސާގެ ބާޒާރަށް ލިބޭނެ އިތުރު ފުރިހަމަކަމެއް: ސީއެމްޑީއޭގެ ސީއީއޯ ވިޔަފާރި | 2 ގަޑިއިރު ކުރިންލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސަންސް ހޯދަނީވިޔަފާރި | 4 ގަޑިއިރު ކުރިންބޯހިޔާވަހިކަމުގެ ބޮޑު މަސައްކަތެއްގައި ބައިވެރިވީ މަންފާއަކަށް ނޫން: ޝަރީފްވިޔަފާރި | 3 ދުވަސް ކުރިން