އިންތިޚާބުގެ އޮފިޝަލުންނަށް ރިފްރެޝަރ ސެޝަންތައް ފަށައިފި
25 މާރިޗު 2026 - 04:26

އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ބާއްވާ ރިފްރެޝަރ ސެޝަންތައް ފަށައިފިއެވެ.
ވޯޓުފޮށި ބަހައްޓާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ހިންގާ ރިފްރެޝަރ ސެޝަންތައް މިއަދު 14:00 އިން މިރޭ 11 ޖަހަންދެން ކުރިއަށްދާނެ ކަމަށާއި މުޅި ރާއްޖޭގައިވެސް މިހަރަކާތްތައް ބާއްވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
މި ހަރަކާތަކީ އޮފިޝަލުން ތަމްރީނުކުރުމާގުޅޭ އެންމެ ފަހު މަރުހަލާކަމަށް އެ ކޮމިޝަނުން ބުނެއެވެ. މާލޭގައި ޖުމްލަ ތިން ތަނެއްގައި މި ހަރަކާތް ކުރިއަށްގެންދައެވެ.

Ad by Hajj Corporation
މާލޭގައި ރިފްރެޝަރ ސެޝަންތައް ބާއްވާ ތަންތަން
- ގަލޮޅު މަދަރުސާ
- އިންތިޚާބުތަކާބެހޭ މަރުކަޒު
- ސޯޝަލްސެންޓަރު
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިފަރެންޑަމް ވޯޓަށް ބޭނުންވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖަނަވަރީމަހުގެ ތެރޭގައެވެ.
މި އިންތިޚާބުގައި އޮފިޝަލުންގޮތުގައި ޖުމްލަ 6000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެއެވެ. އަދި މި އިންތިޚާބަށް އިދާރީ މުވައްޒަފުންގެ ގޮތުގައި އިތުރު މުވައްޒަފުން އިލެކްޝަންސް ކޮމިޝަނުން ނަގާފައިވެއެވެ.
މިފަހަރުގެ އިންތިޚާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާއިރު، ފުރަ މާލޭގައި 180 ފޮށި، ހުޅުމާލޭގެ ދެ ފިޔަވަހީގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮށި ބަހައްޓާއިރު، ޖަލުތަކުގައި 5 ފޮށި ބަހައްޓާނެއެވެ.


