ބީއެމްއެލްގެ ފައިދާ އިތުރުކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން : ސީއީއޯ
25 މާރިޗު 2026 - 09:36

ބޭންކުން ފައިދާ އިތުރުކުރަނީ އިންޓަރެސްޓާއި ފީތައް އިތުރުކޮށްގެން ކަމަށް ބުނެ އަބަދުވެސް ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް ބޭންކުން މިދިޔަ އަހަރު ފައިދާ އިތުރުކޮށްފައިވާނީ ވިޔަފާރި އިތުރަށް ފުޅާކޮށްގެންކަމަށް ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ސީއީއޯ މިފަދައިން ވިދާޅުވެފައިވަނީ، ޕީއެސްއެމް އިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
" މިދިޔަ އަހަރު އަޅުގަނޑުމެން މުޅިން އަލަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރިން. މިއީ ބެންކުގެ 43 އަހަރުވީ ދިގު ތާރީހުގައި އަހަރެއްގެ ތެރޭ އެންމެ ގިނަ ލޯނު ދޫކުރި އަހަރު. އެއާ އެކީގައި އަޅުގަނޑުމެންގެ ނެޓް ލޯންސް އެންޑް އެޑްވާންސަސް 25.2 ބިލިއަން ރުފިޔާއަށް އަރާފާއިވޭ. އެއީ ކުރީ އަހަރާއި އަޅައިބަލާއިރު 25 ޕަސެންޓްގެ ކުރިއެރުމެއް" ސީއީއޯ ވިދާޅުވިއެވެ.
މީގެ އިތުރުން ލޯނު ނުދައްކާ ނިސްބަތް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1 އިންސައްތަ ދަށް ކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. •ރައުސްމާލުގެ ފުދުންތެރިކަން ހުންނަންޖެހޭ ރޭޝިއޯ %48.1 ގައި ކަމަށާއި މިއީ ގާނޫނީގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ ހަތަރު ގުނަ އިތުރު އަދަދެއް ކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު ފާހަގަކޮށްލެވެނީ ބޭންކަށް ގިނަ އަދަދެއްގެ ކަސްޓަމަރުންވެސް ގުޅުނު އަހަރެއްގެ ގޮތުގައެވެ. އެގޮތުން މދިޔަ އަހަރު މުޅިން އަލަށް 30،000 ކަސްޓަމަރުން ބީއެމްއެލްއާ ވަނީ ގުޅިފައެވެ. މިދިޔަ އަހަރު ކަސްޓަމަރުންގެ ޑިޕޮސިޓް 16 ޕަސެންޓްގެ އިތުރުވުމާއެކު މިހާރު ހުރީ 37.2 ބިލިއަންގައި ކަމަށް ސީއީއޯ ވިދާޅުވިއެވެ. މިއިން ދައްކުވައިދެނީ ބޭންކުގެ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެކު ބީއެމްއެލްއަށް ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވަމުން އަންނަކަންކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ގައުމީ ބޭންކުން ވަނީ މާލީގޮތުން ވެސް ފުރިހަމަ ކާމިޔާބެއް މިދިޔަ އަހަރު ހާސިލްކޮށްފައެވެ. އެގޮތުން ޓެކުހަށް ކެނޑުމަށް ފަހު ސާފުފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ އަހަރާއި އަޅައިބަލާއިރު 10 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިކުރިއެރުން ފާހަގޮށް ސީއީއޯ ވިދާޅުވީ، "ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން އަޅުގަނޑުމެން މިވަނީ ސާބިތުކޮށްދީފަ. އަޅުގަނޑުމެން މި ހިންގަނީ ހަމައެކަނި މާލީ ފައިދާ ހޯދާ ބޭންކެއް ނޫން. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް." ކަމަށެވެ.


