ރެއާލް މެޑްރިޑްއަށް ބަދަލުވުމަށް ފުރުސަތު ލިބިއްޖެނަމަ ދޫކޮށްލުމަކީ އުނދަގޫކަމެއް - ރޮޑްރީ
26 މާރިޗު 2026 - 04:59

މެންޗެސްޓަރ ސިޓީގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުންދާ ސްޕެއިންގެ ރޮޑްރީ، ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ފުރުސަތެއް ލިބިއްޖެނަމަ އެކަމަށް އިންކާރު ކުރުމަކީ އުނދަގޫ ކަމެއް ކަމަށް ބުނެފިއެވެ. އުމުރުން 29 އަހަރުގެ ރޮޑްރީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ.
ސިޓީއާއެކު ހޭދަކުރި ކާމިޔާބު ދުވަސްތަކުގައި ރޮޑްރީ ވަނީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން 11 ބޮޑު ތަށި ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ހަތަރު ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގު ހިމެނެއެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރިމަތިވި އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.

Ad by Hajj Corporation
ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ އޮންޑާ ސެރޯއަށް ދިން އިންޓަވިއުއެއްގައި ރޮޑްރީ ބުނީ އަލުން ލަީގާއަށް އެނބުރި ދާން ބޭނުންވާ ކަމަށެވެ. "އަހަރެން އެނބުރި ދާން ބޭނުން، އެއީ ޔަގީން ކަމެއް. ލަލީގާއަކީ އަހަރެންގެ ފެށުން. އަދިވެސް އަހަރެން އެ ލީގު ފޮލޯ ކުރަން،" ރޮޑްރީ ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި ޕްރެމިއާ ލީގުގައި ހަތް އަހަރު ހޭދަކުރެވިފައިވާއިރު، މިހާރު ވަގުތު ފާއިތުވަމުންދާކަން އިހުސާސް ކުރެވޭ ކަމަށެވެ.
ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅެފައިވުމުން ރެއާލް މެޑްރިޑަށް ބަދަލުވުމަށް އޮތް ހުރަހަކީ ކޮބައިތޯ ސުވާލު ކުރުމުން ރޮޑްރީ ބުނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. "ދުނިޔޭގެ އެންމެ މޮޅު ކްލަބްތަކަށް ނޫނެކޭ ނުބުނެވޭނެ. ބާނަބިއު އަކީ އަބަދުވެސް އާދަޔާ ހިލާފު، ބިރުވެރިކަމެއް އިހުސާސްކޮށްދޭ ދަނޑެއް،" އޭނާ ބުންޏެވެ.
މި ސީޒަން ނިމޭއިރު ރޮޑްރީގެ ކޮންޓްރެކްޓްގައި ބާކީ އޮންނާނީ އެންމެ އަހަރެކެވެ. ކޮންޓްރެކްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އަނިޔާއިން ސަލާމަތްވެ ކުރީގެ ފެންވަރަށް ކުޅުން ގެނައުމަށް ކަމަށާއި، ކޮންޓްރެކްޓްގެ ވާހަކަ ކުރިއަށް އޮތް ތަނުގައި ދައްކާނެ ކަމަށެވެ.


