ބޮޑުތަކުރުފާނުމަގު ގެ އެއްގަމު ތޮށީގެ މަސައްކަތްފަށައިފި
26 މާރިޗު 2026 - 05:18

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، އެއްގަމު ތޮށީގެ މަސައްކަތްތައް ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނިގޮތުގައި، މަގުގެ މަސައްކަތުގައި އެންމެ ފުރަތަމަ ފަށާފައިވަނީ މިހާރު އޮތް އެއްގަމު ތޮށީގެ ކޮންކްރީޓް ތަޅާލާ، ނެގުމުގެ މަސައްކަތްކަމަށެވެ. މިމަސައްކަތް މިވަގުތު ކުރަމުންދަނީ ހެންވޭރު ފެރީ ޓާމިނަލާއި އިންވެގެން އޮންނަ ޖެޓީ ސަރަޙައްދުގައެވެ.

Ad by Hajj Corporation
އެސަރަޙައްދުގައި މަސްވެރިންގެ ޕާކާ ހަމައަށް، ދޯނިތައް ކައިރިކުރާ ހުރަސް ތޮށި ހިމެނޭހެން މަރާމާތު ކުރެއެވެ. މިއާއެކީގައި، މަގު ފުޅާ ކުރާ ސަރަޙައްދާ ހަމައަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތްތައްވެސް އެކު އެކީގައި ވަނީފަށާފައެވެ. މި ސަރަހައްދުގައި ގާތްގަނޑަކަށް 2-3 މީޓަރު މަގުން ފުޅާކުރާނެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި މަސައްކަތް ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ. މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އާކޮށް، ތަރައްޤީކުރެއެވެ.
އެމްޓީސީސީން ބުނީ މަގުގެ މި ސަރަޙައްދު ފަރުމާކޮށްފައިވަނީވެސް، މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށްކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށެވެ.
މީގެއިތުރުން މަގުގެ މި ސަރަޙައްދު ފަރުމާކޮށްފައިވަނީވެސް، މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށްކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.އަދި މި މަސައްކަތްތައް ކުރިއަށް ގެންދާނީ މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށެވެ.
މަގުގައި ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްޤީ ކުރުމާއެކު، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެ ސަރަޙައްދު ތަރައްޤީކުރި ނަމަވެސް، މަސްވެރިންގެ ޕާކު ހިމެނޭ ސަރަޙައްދަށް މިވަގުތު އެއްވެސް ބަދަލެއް ނުގެންނާނެއެވެ.


