ބީއެމްއެލްގެ ހިއްސާދާރުންނަށް ފަހި، މުހިންމު ބަދަލުތަކެއް
26 މާރިޗު 2026 - 15:26

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮންމެ ހިއްސާއަކަށް، ބޯނަސް ދެ ހިއްސާ ދޫކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
މި ބަދަލާއެކު، މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބެލުމަށްފަހު، އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ދޫކުރެވިގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. މިގޮތުން ހިއްސާ ދޫކުރާއިރު، މިހާރު އަތުގައި އޮތް ކޮންމެ އެއް ހިއްސާއަކަށް، ހިއްސާގެ މޫނުމަތީ އަގުގައި އިތުރު ދެ ހިއްސާ، ހިއްސާދާރުންނަށް ލިބޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ. މި ބޯނަސް ހިއްސާ ދޫކުރުމުގެ ސަބަބުން، ބޭންކުގެ ދޫކޮށްފައިވާ ހިއްސާގެ ރައުސްމާލު ތިން ގުނައަށް އިތުރުވެގެންދާނެކަމަށާއި މިކަމަށް ބޭނުންވާ ފައިސާ ހަމަޖައްސާނީ ބޭންކުގެ ރިޓެއިންޑް އާނިންގްސް (ބަހާފައިނުވާ ފައިދާ) އިން ހިއްސާގެ ރައުސްމާލަށް ބަދަލުކޮށްގެން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

Ad by Hajj Corporation
ބީއެމްއެލްގެ އޭޖީއެމްގައި ހިއްސާދާރުންގެ ވޯޓަށް އެހުމަށް ހުށަހަޅާފައިވާ ކަންކަން:
· ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް
· ބޯނަސް ހިއްސާ ދޫކުރުން: ކޮންމެ ހިއްސާއަކަށް އިތުރު 2 ހިއްސާ ދޫކުރުމަށް
· 1:10 ރޭޝިއޯއިން ހިއްސާ ބައިކުރުމަށް
ހިއްސާދާރުންގެ ވޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން ހިއްސާ ބައިކުރުމަށް ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރާނެއެވެ. އެއާއެކު، ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެކަމަށާއި، ނަމަވެސް މީގެ ސަބަބުން ހިއްސާދާރުންގެ އިންވެސްޓްމެންޓުގެ ޖުމްލަ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިފަދައިން ހިއްސާ ބައިކުރުމަށް ހުޅުވާލުމުން ބޭންކުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް:
· އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން
· ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން
· މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތައް އިތުރުކުރުން
· މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ތައްޔާރުވުން
ހިއްސާ ބައިކުރެވިގެންދާނެ ގޮތުގެ މިސާލަކަށް ބަލާއިރު، މިހާރު 100 ހިއްސާ އޮތް ފަރާތެއް ނަމަ ފުރަތަމަ މަރުހަލާގައި 1:2 ގެ ރޭޝިއޯއިން ބޯނަސް ހިއްސާ ދޫކުރެވި، އިތުރު 200 ހިއްސާއާއެކު، އެފަރާތުގެ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެއެވެ. އަދި ދެވަނަ މަރުހަލާގައި 1:10 ގެ ރޭޝިއޯގައި ހިއްސާ ބައިކުރެވި، ކޮންމެ ހިއްސާއަކީ 10 ހިއްސާއަށް ވެގެންދާނެއެވެ. އެހެންކަމުން ދެވަނަ މަރުހަލާ ނިމޭއިރު އެފަރާތުގެ ހިއްސާގެ ޖުމްލަ އަދަދު، 3000 އަށް އިތުރުވާނެއެވެ.
ނަމަވެސް މިކަމުގެ ސަބަބުން ހިއްސާ ބައިކުރުމުން ހިއްސާގެ ޖުމްލަ އަގު ދަށް ނުވާނެ ކަމަށާއި ކޮންމެ ހިއްސާދާރެއްގެ ހިއްސާގެ އަދަދު އިތުރުވާއިރު ބަދަލުވާނީ ހިއްސާއަކަށް ޖެހޭ މިންވަރު ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިއާއެކު ހިއްސާގެ މޫނުމަތީ އަގަށް އަންނަ ބަދަލު:
މި ބަދަލު ގެނައުމަށް ކަނޑައަޅާފައިވާ ރެކޯޑް ޑޭޓަކީ، 18 މާރިޗު 2026 ކަމަށާއި މި ތާރީޚާ ހަމައަށް ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ބޯނަސް ހިއްސާ އާއި ހިއްސާގެ ފައިދާ ލިބުމުގެ އިތުރުން އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުން ފާސްވެއްޖެނަމަ ހިއްސާ ބައިކުރެވޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ.
ހިއްސާއަށް ގެންނަ ބަދަލުތަކާގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާ ހިއްސާދާރުންނަށް، ބޭންކުން މުއާމަލާތްކުރާ ރަސްމީ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވެމުންދާނެ ކަމަށާއި ބޭންކުގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމެންޓާ ގުޅައިގެން (3330192 / 3330195) / corporateaffairs@bml.com.mv ހިއްސާދާރުންނަށް މައުލޫމާތު ހޯދޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ.


