އީރާނާ ގުޅުން ބާއްވަން ބޭނުން، ބަޔަކު ހިތައް އަރާހާ ގޮތަކަށް އެއްވެސް ޤައުމެއް ދުނިޔެއިން ފޮހެވިގެން ނުދާނެ: ގަތަރު
26 މާރިޗު 2026 - 16:25
ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންޞާރީ، ޤަޠަރުން އީރާނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް އެދޭކަން އިޢުލާނު ކުރައްވައިފިއެވެ. އަންގާރަ ދުވަހު ބޭއްވި ބްރީފިންގްއެއްގައި އޭނާ ވިދާޅުވީ، އީރާނަކީ އެތައް ހާސް އަހަރެއް ވަންދެން މި ސަރަޙައްދުގައި އޮތް ޤައުމެއް ކަމަށާއި، އެއްވެސް ބަޔަކު އެހެން ތަނަކަށް ނުދާނެ ކަމަށެވެ.
އަލް-އަންޞާރީ ވިދާޅުވި ގޮތުގައި، އެއްވެސް ސިޔާސީ ފަރާތެއްގެ ނުވަތަ ވަކި ގައުމެއްގެ އެދުމަކަށް ނުވަތަ ހިތަށްއަރާ ގޮތަކަށް އެއްވެސް ޤައުމެއް ދުނިޔެއިން ފޮހެވިގެން ނުދާނެއެވެ.

Ad by Hajj Corporation
"އެއްކޮށް ނައްތާލުމަކީ އޮތް އިޚްތިޔާރެއް ނޫނެވެ. އަހަރެމެން ދިރިއުޅޭނީ އެކަކު އަނެކަކާ ޖެހިގެންނެވެ. އިންސާނިއްޔަތުގެ މުސްތަޤުބަލަށްޓަކައި އަހަރެމެންވާނީ އަވަށްޓެރިންނަށެވެ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެކަކު އަނެކަކާ ޖެހިގެން ދިރިއުޅޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށާއި، މިއީ ދަތި ވަގުތެއް ނަމަވެސް ސަލާމަތްވާނެ މަގެއް ހޯދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަޔާނަކީ ޤަޠަރުގެ ބަހުރުވަޔަށް އައި މުހިންމު ބަދަލެއްގެ ގޮތުގައި ބެލެވެނީ، ޤަޠަރުގެ ފަސްގަނޑަށް އީރާނުން ސީދާ ހަމަލާތަކެއް ދެމުންދާތާ ހަފުތާތަކެއް ވެފައިވަނިކޮށް ދެއްވި ބަޔާނަކަށް ވާތީއެވެ. އަލް-އަންޞާރީ ހާމަކުރެއްވި ގޮތުގައި، ހަމަނުޖެހުން ފެށުނީއްސުރެ ޤަޠަރަށް އަމާޒުކޮށް 200 އަށްވުރެ ގިނަ މިސައިލް އަދި ޑްރޯން ހަމަލާ ވަނީ ދީފައެވެ. މި ހަމަލާތަކުގެ 90 އިންސައްތަ ހުއްޓުވުނު ނަމަވެސް، ލިބުނު ގެއްލުންތައް ބޮޑެވެ.
އީރާނުން ރައުސް ލައްފާނަށް ދިން ހަމަލާތަކުގެ ސަބަބުން ޤަޠަރުގެ އެލް.އެން.ޖީ (LNG) އެކްސްޕޯޓް ކުރުމުގެ ޤާބިލުކަމުގެ 17 އިންސައްތަ ވަނީ މެދުކެނޑިފައެވެ. މިއީ އިޤްތިޞާދަށާއި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް "ބޮޑު ކާރިސާއެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި ޤަޠަރުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމަށްފަހު، އީރާނުން ގެއްލިފައިވާ އިތުބާރު އަލުން ބިނާކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލް-އަންޞާރީގެ މެސެޖަކީ ހަނގުރާމައިގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ސަރަހައްދގެ ޖިއޮގްރަފީ ބަދަލުނުވާނެ ކަމުގެ ހަނދާންކޮށްދިނުމެކެވެ. މިއީ ހުޅަނގާއި އިސްރާއީލުގެ ބައެއް ފަރާތްތަކުން ބޭނުންކުރާ ހަރުކަށި ބަސްމަގަށް ދެއްވި ނުސީދާ ރައްދެއް ކަމަށް ބެލެވެއެވެ. މިހާރު ޤަޠަރުން ދަނީ ތުރުކީގެ ފައުޖުތަކާއެކު ގުޅިފައިވާ ކޮމާންޑެއްގެ ދަށުން ޤައުމުގެ ދިފާޢީ މަސައްކަތްތައް ވަރުގަދަކުރަމުންނެވެ.


