10 ކުޅުންތެރިންނާއެކު ކުޅުނު ފްރާންސް ބްރެޒިލްއަތުން މޮޅުވެއްޖެ
27 މާރިޗު 2026 - 03:45

ވޯލްޑް ކަޕްގެ ގްރޫޕް އައިގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ފަރަންސޭސިވިލާތުން 2-1 އިން ބްރެޒިލް ބަލިކޮށްފިއެވެ. މި މެޗުގައި ފަރަންސޭސިވިލާތުގެ ކީލިއަން އެމްބާޕޭ ޖެހި ލަނޑާއެކު، އޭނާ ވަނީ އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތް އޮލިވިއޭ ޖިރޫއާ އެއްވަރުވުމާ ގާތަށް ޖެހިލާފައެވެ.
ނިއު އިންގްލެންޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ވަނީ ހިތްގައިމު ލަނޑެއް ޖަހައި ފަރަންސޭސިވިލާތަށް ކުރިހޯދައިދީފައެވެ. މިއީ ފަރަންސޭސި ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 56 ވަނަ ލަނޑެވެ. މިހާރު އޭނާ އާއި ރެކޯޑް އޮތް ޖިރޫއާ ދެމެދު އޮތީ އެންމެ ލަނޑެއްގެ ފަރަގެކެވެ.

Ad by Hajj Corporation
މެޗުގެ ފޯރި ގަދަވެގެން ދިޔައީ 55 ވަނަ މިނެޓުގައި ފަރަންސޭސި ޑިފެންޑަރު ދަޔޮޓް އުޕަމެކާނޯއަށް ރަތް ކާޑު ދެއްކުމުންނެވެ. ބްރެޒިލްގެ ވެސްލީއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު އޭނާއަށް ރަތް ކާޑު ދެއްކި ނަމަވެސް، 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ފަރަންސޭސިވިލާތުން ވަނީ 65 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހާފައެވެ. މައިކަލް އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ހޫގޯ އެކިޓިކޭއެވެ.
ބްރެޒިލުން މެޗުގެ ތެރެއަށް އެނބުރި އައީ ބްރެމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މެޗުގެ ފަހުކޮޅު ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އަދި ބްރެމާއަށް ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލުން 17 ހަމަލާ އުފައްދައި މެޗު ޑޮމިނޭޓް ކުރި ނަމަވެސް، ގޯލާ އަމާޒުވީ އެންމެ 4 ހަމަލާއެވެ. އަނެއްކޮޅުން އެމްބާޕޭ ވަނީ މުޅި މެޗުގައިވެސް ނުރައްކާތެރި ކުޅުމެއް ދައްކައި، ފަރަންސޭސި ޓީމުގެ އެންމެ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ފަރަންސޭސިވިލާތް ދެން ބައްދަލުކުރާނީ އަންނަ އާދީއްތަ ދުވަހު ކޮލަމްބިއާއާއެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 26 ގައި ނޯވޭއާ ދެކޮޅަށް އެ ޓީމު ނުކުންނާނެއެވެ.


