ޒިދާންގެ ނިޔަމިކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ފްރާންސްއަށް އުނދަގޫ މޮޅެއް
26 ސެޕްޓެމްބަރު 2026 - 04:32

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި، ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން ތުރުކީ އަތުން 1-0 އިން ފްރާންސް އަށް އުނދަގޫ މޮޅެއް ލިބިއްޖެއެވެ. ނޭޝަންސް ލީގުގެ މި މެޗުގައި ފްރާންސަށް މޮޅު ހޯދައިދިން ނަމަވެސް، ލަނޑު ޖެހިތާ ކުޑައިރުކޮޅެއް ފަހުން އަނިޔާގެ ސަބަބުން އެމްބާޕޭ ވަނީ ދަނޑުން ބާލާފައެވެ.
މެޗުގެ ވަރަށް ކުރީކޮޅު ތުރުކީން ވަނީ ފްރާންސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ބާރިސް އަލްޕަރ ޔިލްމާޒް ފޮނުވާލި ހަމަލާ އަދި ޖެހިގެން އައި ކޭން އުޒުންގެ ހަމަލާ ފްރާންސްގެ ކީޕަރު މައިކް މައިގްނަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގައި ފްރާންސުން ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މައިކަލް އޮލީސޭ އަށެވެ. ނަމަވެސް އޭނާގެ ހަމަލާ ތުރުކީގެ ކީޕަރު އުގުރްޖާން ޗާކިރް ވަނީ މަތަކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެވަނަ ހާފު ފެށިގެން 50 ވަނަ މިނެޓުގައި ތުރުކީގެ އިސްމާއިލް ޔުކްސެކް ބޮލުން ފޮނުވާލި ބާރު ހަމަލާ މައިގްނަން ދިފާއުކުރި އިރު، އޭގެ ހަތަރު މިނެޓު ފަހުން ފްރާންސުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ތުރުކީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، އޮލީސޭ ދިން ބޯޅައަކުން މި ލަނޑު ޖަހައިދިނީ ކެޕްޓަން އެމްބާޕޭއެވެ. އެހެންނަމަވެސް، ލަނޑު ޖެހުމުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން، އޭގެ ފަސް މިނެޓު ފަހުން އޭނާ ވަނީ ބަދަލުކޮށްފައެވެ.
މި ލަނޑަކީ 2026 ވަނަ އަހަރު ފްރާންސަށް އެމްބާޕޭ ޖަހައިދިން 12 ވަނަ ލަނޑެވެ. މިއާއެކު އޭނާ ވަނީ އެއް އަހަރެއްގެ ތެރޭގައި ފްރާންސް ކުޅުންތެރިއަކު އެންމެ ގިނަ ލަނޑު ޖެހުމުގެ ގޮތުން 2022 ވަނަ އަހަރު އޭނާ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މި މެޗުގެ 87 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާގެ ބޭރުން ބޯޅައިގައި އަތްލުމާ ގުޅިގެން ތުރުކީގެ ކީޕަރު ޗާކިރް އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.


