ފްރާންސްގެ ކޯޗުކަމާ ޒިދާން ސެޕްޓެމްބަރު އެކެއްގައި ހަވާލުވަނީ
19 ޖުލައި 2026 - 06:43

ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި 14 އަހަރު ހޭދަކުރުމަށްފަހު، ދިދިއޭ ޑެޝޯމްޕް އެ މަގާމުން ވަކިވުމުން، އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެ މަގާމާ ޒައިނުއްދީން ޒިދާން ރަސްމީކޮށް ހަވާލުވާނެ ކަމަށް ލެކީޕް އިން ރިޕޯޓްކޮށްފިއެވެ.
މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗުގައި އިންގްލެންޑާ ދެކޮޅަށް ފްރާންސް ކުޅޭ މެޗަކީ ޑެޝޯމްޕް އެ ޓީމަށް އިރުޝާދުދޭނެ 185 ވަނަ އަދި އެންމެ ފަހު މެޗެވެ. 2012 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ޓީމާ ހަވާލުވެ ހުރި ޑެޝޯމްޕް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދީ، 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް އެ ގައުމު ގެންގޮސްދީފައެވެ.

Ad by Hajj Corporation
ރިޕޯޓްތައް ބުނާގޮތުން ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޒިދާން އެ މަގާމަށް އައްޔަންކުރިކަން ރަސްމީކޮށް އިއުލާން ކުރާނެއެވެ. ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިދާން ސޮއިކުރާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އަދި އޭނާގެ ކޯޗިން ސްޓާފުންވެސް ސެޕްޓެމްބަރު އެކަކުން ފެށިގެން މަސައްކަތާ ހަވާލުވާނެ ކަމަށް ބެލެވެއެވެ.
ޑެޝޯމްޕް މަގާމުން ވަކިވުމަކީ 2026 ވަނަ އަހަރުގެ މުބާރާތަށްފަހު އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ކުރިންވެސް ރޭވިފައިވާ ކަމެކެވެ. ޒިދާން ފްރާންސްގެ ކޯޗުކަމާ ހަވާލުވުމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ބަދަލެކެވެ.


