އީރާނާ ދެކޮޅަށް ޓްރަމްޕަށް ބާކީ ހުރި ގިނަ އިޚްތިޔާރުތަކަކީ، ކާމިޔާބުވުމުގެ ފުރުސަތު ކުޑަ، އަދި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަންކަން: ރިޕޯޓު
27 މާރިޗު 2026 - 09:37

ޚާރިޖީ ގޮތުން ކުރާ މަސައްކަތްތައް ނާކާމިޔާބުވެއްޖެ ނަމަ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބައެއް އިޚްތިޔާރުތައް ދިރާސާކުރައްވަމުން ގެންދަވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. ނަމަވެސް މިހާތަނަށް ދިރާސާކުރެވުނު ކަންކަމުގެ ތެރެއިން އެއްވެސް ކަމަކީ އެންމެ އެދެވޭ އަދި ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަންކަން ނޫން ކަމަށް ރިޕޯޓުތަކުގައި ވަނީ ފާހަގަކޮށްފައެވެ.
މިހާތަނަށް އަސްކަރީ ހަރަކާތްތައް ބޮޑަށް އަމާޒުކޮށްފައިވަނީ އެ ގައުމަށް ބޮން އެޅުމަށް ކަމަށްވީ ނަމަވެސް، ހަނގުރާމައިގެ ދެން އޮތް މަރުހަލާއަށް ތައްޔާރުވަމުންދާ ޕެންޓަގަންގެ އޮފިޝަލުން މިހާރު ވަނީ އީރާނުގެ އެކި އަމާޒުތައް ހިފުމަށް ސިފައިން ފޮނުވުމުގެ ރޭވުންތައް އެކުލަވާލާފައެވެ. މި މަޝްވަރާތަކާ ބެހޭ މައުލޫމާތު ހުރި ހަ މީހަކަށް ވުރެ ގިނަ މީހުން ބުނާ ގޮތުގައި، އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ނުރައްކާ އޮތުމުގެ އިތުރުން، އޭގެ ސަބަބުން ހަނގުރާމަ ކާމިޔާބުކަމާއެކު ނިމުމަކަށް އަންނާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.

Ad by Hajj Corporation
މެދުއިރުމަތީގެ ކެމްޕޭނުގެ ދެން އޮތް މަރުހަލާ ޓްރަމްޕް ރާވަމުންދާއިރު، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިގްތިސާދީ އަދި ސިޔާސީ ފިއްތުންތައް ދަނީ ކުރިމަތިވަމުންނެވެ. އެ ސަރަހައްދަށް އިތުރު އެތައް ހާސް ސިފައިންނެއް ފޮނުވުމަށް އަމުރު ކުރެއްވި ނަމަވެސް، ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމާ މެދު ޓްރަމްޕް ވަނީ ފަސްޖެހިފައެވެ. އެއީ މިވަގުތު އެޅޭ ނުބައި ފިޔަވަޅެއްގެ ސަބަބުން ހަނގުރާމަ އިތުރަށް ލޭއޮހޮރުވުން ބޮޑު އަދި ދިގުދެމިގެންދާ ކަމަކަށް ވެދާނެތީ ކަމަށް ބެލެވެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި އީރާނާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވީ، "އެމީހުން ބަލިވެއްޖެ، އަލުން އަނބުރާ އާދެވޭނެ ގޮތެއް ނެތް،" ކަމަށެވެ. އަދި މިހާރު އެމީހުންނަށް އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމަކު އެއީ އެމީހުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަނގުރާމަ އަވަހަށް ނިމުމަކަށް ގެންނަން ބޭނުންވާކަން ޓްރަމްޕް ހާމަކުރެއްވި ނަމަވެސް، އެކަން ކުރާނެ ސީދާ ގޮތެއް އަދި ޔަގީނެއް ނުވެއެވެ. އީރާނުގެ އިންޖީނުގެތަކަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، މަޝްވަރާގެ މޭޒުމަތީގައި ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދުގައި އޭޕްރިލް 6 އާ ހަމައަށް އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން މަޑުޖައްސާލާނެ ކަމަށް ޓްރަމްޕް ވަނީ އިއުލާން ކުރައްވާފައެވެ. ނަމަވެސް، އެމެރިކާގެ 15 ނުކުތާގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ވަނީ ވަގުތުން އިންކާރުކޮށްފައެވެ.
އީރާނުން އެއްބާރުލުން ނުދީފި ނަމަ، އެ ގައުމު ބޯލަނބަން މަޖުބޫރު ކުރުވުމަށް ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވަމުން ގެންދަވާއިރު، އެމެރިކާ އާއި އިޒްރޭލުން މިހާރު ވެސް ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އެ ގައުމުގެ އިސް ލީޑަރުންތަކެއް މަރާލައި، އަސްކަރީ ގާބިލުކަމުގެ ބޮޑު ބައެއް ވަނީ ނައްތާލާފައެވެ.
އެހެންނަމަވެސް، އީރާނުގެ ސަރުކާރުން ވަނީ ގައުމުގެ މައްޗަށް އޮތް ބާރު އިތުރަށް ވަރުގަދަކޮށްފައެވެ. އަދި ހޯރްމޫޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެސް ވަނީ ގަދަކޮށްފައެވެ. މީގެ ސަބަބުން ފާރިސީ ކަނޑުއޮޅިން ތެޔޮ ބޭރުކުރުން ހުއްޓުމަކަށް އައިސް، ދުނިޔޭގެ ހަކަތައިގެ ބާޒާރު ވަނީ ދުވަހުން ދުވަހަށް ގޯސްވަމުންދާ ކްރައިސިސްއެއްގެ ތެރެއަށް ވެއްޓިފައެވެ. އެމެރިކާ ސަރުކާރުގެ އޮފިޝަލުން ގެންދަވަނީ، އެ ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދައިގެން ނުވަތަ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމުގެ ގާބިލުކަން ނައްތާލައިގެން، އީރާނަށް އޮތް އެ އިގްތިސާދީ ބާރު ކަނޑުވާލެވޭނެ ގޮތްތައް ހޯދަމުންނެވެ.


