މީހަކު ރަހީނުކުރި މައްސަލައެއްގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި
28 މާރިޗު 2026 - 04:29

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަސް މީހުންވެސް ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލަ މިމަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވެއެވެ. އަދި މި މައްސަލަ ހުށަހެޅުމާއެކު ރަހީނުކުރި މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ، 30 އަހަރުގެ އެމް.ޑީ ހޮސައިން، 34 އަހަރުގެ އެމް.ޑީ މެހެދި ހަސަން، 39 އަހަރުގެ އެމް.ޑީ ޝާ އަލަމް، 38 އަހަރުގެ ސަރފިފް ޙަސަންގެ އިތުރުން 20 އަހަރުގެ ރަސަލްއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް މީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

Ad by Hajj Corporation

.jpg&w=3840&q=75)
