އަމާންކަން ކަށަވަރުކޮށްދިނުމުގައި ޒިންމާ އަދާކުރާ ބަޔަކަށްވުމަށް ފުލުހުންގެ ކިބައިން ރައީސް އެދިވަޑައިގެންފި
29 މާރިޗު 2026 - 05:06

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި އެމަނިކުފާނުގެ ރަސްމީ އެކައުންޓު މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.

Ad by Hajj Corporation
އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަދަކީ މި ޤައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސްކަމުގައި ވިދާޅުވިއެވެ. މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމައަށް އެކި ދުވަސްވަރު މަޤާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި ޢާއިލާއަށް ނުހަނު ލޯތްބާއެކު ތަހުނިޔާއާއި ޝުކުރު ދަންނަވާފައެވެ.
އަދި މި ޤައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ދިވެހިރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ޤާބިލް ބައެއްގެ ގޮތުގައި ދެމިތިބުމަށް އެދިވަޑައިގަންނަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ހާމަކުރައްވާފައިވެއެވެ.

.jpg&w=3840&q=75)
