އަމާޒަކީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް،ދިވެހީންގެ ބޭންކުގެ ގޮތުގައި ދެމިތިބުން: ބީއެމްއެލްގެ ސިއީއޯ
29 މާރިޗު 2026 - 05:43

އަމާޒަކީ ޑިޖިޓަލް ގާބިލުކަން ފުޅާކޮށް، ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދިގު ރާސްތާގައި ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ އަދި އަޅުގަނޑުމެންގެ މުވައްޒަފުންނަށް އިންވެސްޓްކޮށް، ދިވެހީންގެ ބޭންކުގެ ގޮތުގައި ދެމިތިބުންކަމުގައި ޤައުމީބޭންކް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއްޖެއެވެ.
ޝަރީފް މިފަދައިް ވިދާޅުވީ،ބީއެމްއެލް ގެ 43 އަހަރުވީ ދިގު ތާރީޚުގައި އެންމެ ކާމިޔާބު އަހަރަށްފަހު، ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ހިއްސާދާރުންނާ މުޚާތަބު ކުރައްވައި، ބޭންކުން ހޯދާފައިވާ ތާރީޚީ ކާމިޔާބީތަކާއި، ސްޓެރެޓެޖީއާ އެއްގޮތަށް ފުޅާކުރަމުންދާ ދާއިރާތަކާއި، ޑިޖިޓަލް ކުރިއެރުންތަކުގެ އިތުރުން ކަސްޓަމަރުންނާއި މުޖުތަމައަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ބޭންކުގެ ސްޓެރެޓެޖީގެ މައިގަނޑު ތިން ތަނބު ކަމަށްވާ ޑިޖިޓަލް ޚިދުމަތްތަކަށް އިސްކަން ދިނުމާއި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމާއި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ކަށަވަރުކުރުމަށް ދޭ ސަމާލުކަމަށް ސީއީއޯ ވަނީ އަލިއަޅުއްވާލާފައެވެ. ޝަރީފް ވިދާޅުވީ، ހަލުވިކަމާއެކު ބަދަލުވަމުންދާ ވެއްޓެއްގައި ބޭންކު އިތުރަށް ވަރުގަދަކުރުމަށް އިންވެސްޓް ކުރަމުން މިދަނީ މުސްތަގުބަލަށްކަމަށް ވިދާޅުވެފައެވެ.
"2025 ވަނަ އަހަރަކީ ހަމައެކަނި ރެކޯޑު އަދަދަކަށް ފައިދާ ލިބުނު އަހަރެއް ނޫން. އެއީ ގައުމީ ބޭންކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދައުރު ވަރުގަދަކޮށް، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ހިދުމަތްތައް ފުޅާކުރި އަހަރެއް. އަޅުގަނޑުމެންގެ ކާމިޔާބީ މިނެކިރެނީ ހަމައެކަނި މާލީ ނަތީޖާތަކުންނެއް ނޫން. އޭގެ ބަދަލުގައި ދިވެހިންގެ ދިރިއުޅުމަށާއި އަދި އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރުވާ ވިޔަފާރިތަކަށް ކުރާ ހެޔޮ އަސަރުތަކުން." ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް
ވޭތުވެދިޔަ އަހަރު ބޭންކުން ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމަކީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ޕޯޓްފޯލިއޯ 25 އިންސައްތަ އިތުރުވެ، 25.2 ބިލިއަން ރުފިޔާއަށް އިތުރުވުމުން ހޯދުނު ކާމިޔާބީއެކެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އުފުލިފައިވާއިރު، ކަސްޓަމަރުން ބެންކަށް ޖަމާކޮށްފައިވާ ފައިސާ ވަނީ 37.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މިއީ ކަސްޓަމަރުންގެ މެދުގައި ބޭންކަށް އޮތް އިތުބާރުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ. ބޭންކުގެ ހަރުދަނާ ރިސްކް މެނޭޖްމެންޓުގެ އިތުރުން ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި 48.1% ގައި ދެމެހެއްޓިފައި ހުރި ކެޕިޓަލް އެޑެކުއަސީ ރޭޝިއޯއާއި ލިކުއިޑީޓީ ޕޮޒިޝަނުން މި ނަތީޖާ އިތުރަށް ހަރުދަނާކޮށްދެއެވެ
ޝަރީފްގެ ވާހަކަފުޅު ނިންމަވާލެއްވީ ބޭންކުގެ 390,000 އަށްވުރެ ގިނަ ކަސްޓަމަރުންނަށާއި، އިޚްލާޞްތެރި މުވައްޒަފުންނަށާއި، ހިއްސާދާރުން ކުރައްވާ އިތުބާރާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ބޭންކުގެ ޗެއަރޕާސަން އަދި ޑައިރެކްޓަރުންގެ ބޯޑުން ދެއްވާ އަގުހުރި އިރުޝާދާއި ލަފާފުޅަށް އެބޭފުޅުންނަށް އިޚްލާޞްތެރި ޝުކުރެއް ދެންނެވިއެވެ.
ޝަރީފް ވިދާޅުވީ 2026 ވަނަ އަހަރަކީވެސް ބޭންކަށް ކާމިޔާބު އަހަރަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

.jpg&w=3840&q=75)
